ޔަމަނާއި އިދިކޮޅު ހޫތީ ހަނގުރާމަވެރިން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ހަމަލާ ސައުދީ އަރަބިިއްޔާ އާއި ޔޫއޭއީއަށް ދީފިއެވެ.

މިއަދު ހޫތީންގެ ހަމަލާ އައިސްފައި މިވަނީ އަބޫދާބީއަށް ހޫތީން ދިން ޑްރޯން އަދި މިސައިލް ހަމަލާއެއްގައި އާންމުންގެ ތިން މީހަކު މަރުވިތާ ހަފްތާއެއް ފަހުންނެވެ.

ޔޫއޭއީގެ ދިފާއީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ގައުމުގެ ވެރިރަށް އަބޫ ދާބީއަށް އަމާޒުކޮށް ހޫތީން ދެ ބެލިސްޓިކް މިސައިލް ފޮނުވާލިކަމަށާއި އެ މިސައިލް އޭގެ އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލާފައިވާ ކަމަށެވެ. އަދި ކޮންމެ ފަދަ ނުރައްކަލަކާ ކުރިމަތިލުމަށް ވެސް ތައްޔާރަށް އޮތް ކަމަށާއި، ދައުލަތް ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، ހޫތީ ބެލިސްޓިކް މިސައިލެއް ސައުދީގެ ދެކުނުގެ ސަރަހައްދަކަށް ވެއްޓި، ދެ މީހަކު ޒަހަމްވެފައިވާ ކަމަށެވެ. މި ހަމަލާގައި ޒަހަމްވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތަކާއި، ސޫދާނުގެ ރައްޔިތެއް ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކޯލިޝަންގެ ބަޔާނުގައި ވާގޮތުން ދަހްރާމް އަލް ޖަނުބުގެ މަތިން އިތުރު މިސައިލެއް ހުރަސްކޮށްލިއެވެ. އަދި މި މިސައިލް ވައްޓާލާފައިވާ ކަމަށް ބުނެފައިވެއެވެ.

ހޫތީން ބުނީ އެމީހުން އަބޫދާބީގެ ދަފްރާ އެއާބޭސްގެ އިތުރުން ދުބާއީ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށެވެ. ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ، މި ހަމަލާތަކުގެ މަގްސަދު ހާސިލްވެފައިވާ ކަމަށެވެ.