ހާއްސަ ޑިވައިސްއެއްގެ ކޮޅުގައި ހަރުކޮށްފައި ހުންނަ ހޮޅިކޮޅެއްގައި އަނގަ ޖެހުމަށް ފަހު ފުން ނޭވާއެއް އަނގައިން ލުމުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތް ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަސިޓީން އީޖާދުކޮށްފިއެވެ.

ނޭޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޫރުން އުފެއްދި ޑިވައިސްއަށް ދީފައިވާ ނަމަކީ "ބްރީތޮނިކްސް" އެވެ. މިހާތަނަށް 180 މީހުން ބައިވެރިކޮށްގެން މިޑިވައިސް ޓެސްޓް ކޮށްފައި ވާއިރު ނަތީޖާ ވަރަށް ރަނގަޅެވެ. އެހެންކަމުން އަންނަ އަހަރު މި ޑިވައިސް އާއްމުކޮށް ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ލިބެން ހުންނާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބްރީތޮނިކްސް އިން ލިބޭ ޓެސްޓްތަކުގެ %95 ނަތީޖާ ސައްހައެވެ. ނަމަވެސް %5 މީހުންނަށް ކޮވިޑް-19 އަށް ނައްސިވެފައި ވަނިކޮށް ފައްސިވާ ކަމަށް ރިޕޯޓް ކުރެއެވެ. އެހެންކަމުން މި ޑިވައިސްގެ އެކްރެސީ ރޭޓް އަދިވެސް އިތުރަށް މައްޗަށް ޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާރު ވެސް 600 މީހުން ބައިވެރިކޮށްގެން މިޑިވައިސްގެ އިތުރު ދިރާސާތައް ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.

ބްރީތޮނިކްސް ޑިވައިސް އެއް 20 ޑޮލަރަށް ލިބޭނެ ކަމަށް ސިންގަޕޫރުގެ އޮފިޝަލުން ވިދާޅުވެއެވެ. އެހެންކަމުން މިހާރު ޕީސީއާރް ޓެސްޓެއް ކުރުމަށް ކުރަން ޖެހޭ ޚަރަދުގެ %70 މިޑިވައިސްގެ ސަބަބުން ކުޑަ ވެގެން ދާނެއެވެ. މި ޑިވައިސްގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ކަރު ބުޑަށާއި ނޭފަތައް ކަފަބުރެއް ކޮއްޕައިގެން ސުންކު ނެގުން ހުއްޓުމެވެ. ދެން ލިބޭނެ އަނެއް ފަސޭހައަކީ މިނެޓެއްގެ ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބުމެވެ.

އޭގެ އިތުރުން ސުންކު ނެގުމަށް ލެބޯޓްރީ ޓެކްނީޝަނެއް ނުވަތަ ސިއްހީ ޚިދުމަތްތެރިއަކު ބޭނުން ކުރަން ނުޖެހުމަކީ ވެސް މި ޑިވައިސް ބޭނުން ކުރުމުގައި ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ބްރީތޮނިކްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ސައިންސްވެރިޔާ ޖިއާ ޒުނާން ވިދާޅުވީ ކޮންފަރެންސް ހޯލްތަކާއި ކުޅިވަރު އިވެންޓްތައް އަދި ކޮންސެޓްތައް ކުރިއަށޤދާ ތަންތަނުގައި މި ޑިވައިސް ބަހައްޓައިގެން މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރެވޭނެ ކަމަށާއި އެއީ ބަލި އިތުރަށް ފެތުރިގެން ދިއުން ހުއްޓުވުމަށް ކުރެވޭނެ ވަރަށް މުހިއްމު ކަމަކަށް ވާނެ ކަމަށެވެ.

ކޮވިޑް-19 އެންމެ ފަސޭހައިން ކޮންޓްރޯލް ކޮށްފައިވާ ޗައިނާ އާއި ޓައިވާން ފަދަ ގައުމުތަކުން ލިބުނު ތަޖުރިބާ އަކީ ވީހާވެސް އަވަހަށް ގިނަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓްކޮށް ބަލި ދެނެގަނެވޭނަމަ ވަރަށް ފަސޭހައިން ބަލި ކޮންޓްރޯލް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު