އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިފުޅު ޓްރަމްޕް ޖޭއާރް (ޑޮން) ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެމެރިކާގެ މީޑިއާތަކަށް ޑޮންގެ ތަރުޖަމާން ކަށަވަރު ކޮށްދީފައިވާ ގޮތުގައި އުމުރުން 42 އަހަރުގެ ޑޮން ކޮވިޑް-19 އަށް ފައްސިވީ މިހަފްތާގެ ކުރީކޮޅުއެވެ. އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

"މިހަފްތާގެ ކުރީކޮޅު ޑޮން ވަނީ ކޮވިޑް-19 އަށް ފައްސިވުމުން އަމިއްލައަށް ކަރަންޓީން ވެފައި. ބަލީގެ އެއްވެސް އަލާމާތެއް ޑޮންގެ ކިބައިން ނުފެނޭ. ނަމަވެސް ސިއްހީ މާހިރުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ތަބާވުމުގެ ގޮތުން ޑޮން ހުންނެވީ ކަރަންޓީންގައި." ތަރުޖަމާން ވިދާޅުވިއެވެ.

އޮކްޓޯބަރ މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޓްރަމްޕް އާއި ފަސްޓްލޭޑީ އަދި ޓްރަމްޕްގެ އެންމެ ހަގު ދަރިފުޅު ބެރޮން ވެސް ކޮވިޑް-19 އަށް ފައްސިވިއެވެ. ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ޓްރަމްޕް އަށް ފަރުވާ ދޭން ޖެހުނެވެ. ނަމަވެސް ޓްރަމްޕްގެ ހާލު ސީރިއަސްއެއް ނުވެއެވެ.

އެމެރިކާގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތެރިވާ ވަރަށް ގިނަ ބޭފުޅުން ވަނީ މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރޭގައި ސެނެޓްގެ ހަތް މެންބަރުން ވެސް ހިމެނެއެވެ.

ޓްރަމްޕްގެ ދޮށީ ދަރިފުޅު ކޮވިޑް-19 އަށް ފައްސިވެފައި މިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެމެރިކާގެ ސަރުކާރުން އެކަށީގެންވާ ވަރާއި ގާތަށް ވެސް މަސައްކަތް ނުކުރާތީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ.

އެމެރިކާ އިން މިހާތަނަށް 11.8 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 254000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޓީ ޗާއެވާލާ

    ލައުނަތް ލައްވާށި.....

    2
    6
    • ޢާލިމް

      ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުޢާ ކޮއްބަލަ. އޭނަ ވެދާނެ އިސްލާމް ވެ ދީން ކުރިއެރުވުމަށް ނުހަނު އެހީތެރި ވެދާނެ މީހަކަށްވެސް.

      8
      1