ކޮވިޑް-19 ފުރަތަމަ ރާޅާއިއެކު ޔޫރަޕްގެ ގިނަ ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރި ބަލި މީހުން އެޑްމިޓް ކުރަން ދަތިތައް ކުރިމަތިވި ވަގުތު ވެސް ޔޫރަޕްގެ ގައުމުތަކަށް އޮތް ހިތްހަމަޖެހުމަށްވީ ޖަރުމަންވިލާތެވެ. ބަލި މީހުން ޖަރުމަންވިލާތައް ފޮނުވައިގެން އެގައުމުގެ އައިސީޔޫތަކުގައި އެޑްމިޓް ކުރެވެމުން ދިޔައެވެ.

ނަމަވެސް މިހާރު ޔޫރަޕްގެ ގައުމުތަކަށް ކޮވިޑް-19 ދެވަނަ ރާޅު އަދި ބައެއް ގައުމުތަކަށް ތިންވަނަ ރާޅު އަރަމުން ދާއިރު މުޅި ދުނިޔެ އިން ވެސް އެންމެ ރަނގަޅު ސިއްހީ ނިޒާމެއް އޮތް، ބަލި މީހުންނަށް އެންމެ ރަނގަޅު ފަރުވާއެއް ދެވޭ އެއްގައުމު ކަމަށްވާ ޖަރުމަންވިލާތުގެ ހާލަތު ވަނީ މާބޮޑަށް ގޯސްވެފައެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަ މިހާރު ޖަރުމަންވިލާތުގެ ހޮސްޕިޓަލްތަކުގައި ހުރި އައިސީޔޫ އެނދުތައް ފުރިއްޖެއެވެ.

ޖަރުމަންވިލާތުން ހުކުރު ދުވަހު ވެސް 24000 ވަރަކަށް މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. ސެޕްޓެމްބަރ މަހު އެގައުމުގައި އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔަ ކޮވިޑް-19 ބަލި މީހުންގެ އަދަދަކީ 267 އެވެ. ނަމަވެސް އެންމެ ދެމަސް ދުވަހުގެ ތެރޭގައި އެއަދަދު ވަނީ 3615 އަށް އިތުރު ވެފައެވެ.

ޔޫރަޕްގެ އެންމެ ވަރުގަދަ އިޤުތިޞާދެއް އޮތް ޖަރުމަންވިލާތަކީ ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު އެންމެ އައިސީޔޫ ގިނަ ގައުމެވެ. އެގައުމުގައި ކޮންމެ އެއްލައްކަ މީހަކަށް 33.9 އެނދު ހުރެއެވެ. ދެން ޔޫރަޕްގައި އެންމެ އައިސީޔޫ އެނދު ގިނަ އިޓަލީވިލާތުގައި ކޮންމެ އެއްލައްކަ މީހަކަށް ހުތީ އެންމެ 8.6 އައިސީޔޫ އެނދެވެ.

ޖަރުމަންވިލާތުގެ ހާލަތު މިހާރު އޮތް ގޮތުން އެގައުމުގެ ސިއްހީ ނިޒާމު "ފުނޑިގެން" ހިނގައިދާނެ ކަމުގެ އިންޒާރު ކަމާބެހޭ އޮފިޝަލުން ދެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ޖަރުމަންވިލާތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތައް ބަލާއިރު ހާލަތު ގޯސްވެ، ހޮސްޕިޓަލްތަކަށް ނުކަތާވަރަށް މީހުން ގިނަވެ އެތައް ބަޔަކު މަރުވާން ދޫކޮށްލަން ޖެހިދާނެއެވެ.

ޖަރުމަންވިލާތުގެ ހާލަތު މިހިސާބަށް ދިއުމަކީ މުޅި ޔޫރަޕަށް ވެސް އޮތް ބޮޑު ބިރުވެރިކަމެކެވެ. ސަބަބަކީ ޔޫރަޕްގެ އެހެން ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރިއްޖެ ހާލަތެއްގައި ހައްލެއް ހޯދައި ދެވެން އޮތް ގައުމަކީ ޖަރުމަންވިލާތް ކަމަށްވާއިރު އެހެން ގައުމަކަށް އެހީވެވޭވަރަށް ވުރެ ޖަރުމަންވިލާތުގެ ހާލަތު ގޯސްވެގެން ދިއުމުން އިތުރު އެތައް ގައުމަކަށް ވެސް ބަލި މީހުން މެނޭޖް ކުރެވޭނެ ގޮތެއް ނެތި، ގޮތް ހުސްވާނެތީއެވެ.

އޭޕްރީލް މަހު ޔޫރަޕްގެ އެހެން ގައުމުތަކުން 200 އަށް ވުރެ ގިނަ ބަލި މީހުން ޖަރުމަންވިލާތައް ގެންގޮސް އެގައުމުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދިނެވެ.

ޖަރުމަންވިލާތުގެ ހޮސްޕިޓަލްތަކުން މިހާރު ވަނީ ކޮވިޑް-19 ނޫން އެހެން ބަލިތަކުގެ މީހުން އެޑްމިޓް ކުރުން ވެސް މަދުކުރަން ފަށާފައެވެ. އަދި ކޮންމެހެން ކުރަން ޖެހޭ އޮޕަރޭޝަންތައް ފިޔަވައި އެހެން އޮޕަރޭޝަންތައް ވެސް ވަނީ ހުއްޓާލާފައެވެ.

ޖަރުމަންވިލާތުގެ ހާލަތު ގޯސްވަމުން ދާތީ އެގައުމުން މިހާރު ވަނީ ރެސްޓޯރެންޓްތަކާއި ބާތައް ބަންދު ކޮށްފައެވެ. އަދި ދަތުރު ކުރުން މަނާކޮށް ކޮންމެހެން ބައްދަލު ވާން ޖެހޭ މީހުން ފިޔަވައި އެހެން މީހުންނާއި ބައްދަލު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.