ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އެވްރެޖްކޮށް ދުވާލަކު 2000 މީހުން މަރުވާ ހިސާބަށް ކަންކަން ދާނެ ކަމަށް މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ.

ސިއްހީ ކަންކަމާއި ގުޅޭ ގޮތުން އަބަދުވެސް ޚިޔާލު ފާޅުކުރައްވާ، އަދި ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުންފުނިތަކަށް އެތައް މިލިއަން ފައިސާއެއް ހިލޭސާބަހަށް ދެއްވާފައިވާ ގޭޓްސް ވިދާޅުވީ އެމެރިކާގެ ހާލަތު ގޯސްވަމުން ގޮސް މީގެ ކުރިން ތަޖުރިބާކުރަން ނުޖެހޭފަދަ ބިރުވެރި ދުވަސްތަކެއް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާ އާއި ބައްދަލުކޮށްފާނެ ކަމަށެވެ.

އެމެރިކާ އަކީ މިހާރު ވެސް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެމެރިކާ އިން މިހާތަނަށް 12.5 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު އެމެރިކާ އިން ކޮވިޑް-19 ޖެހިގެން 2064 މީހުން މަރުވިއެވެ. ނަމަވެސް އޭގެ ފަހުން މަރުވާ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު ވަނީ ދަށަށް ގޮސްފައެވެ.

ކޮވިޑް-19 ވެކްސިން އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގޭޓްސް ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ކުރަމުން އަންނަ ކުންފުނިތަކުގެ ވެކްސިންތައް ވެސް ކާމިޔާބު ވާނެކަމުގެ ވަރަށް ފުރިހަމަ ޔަގީންކަމެއް އެބައޮތް ކަމަށެވެ.

ފައިޒާ އާއި މޮޑާނާގެ ވެކްސިން ކާމިޔާބުކަން މިހާރު ކަށަވަރުވެ އެވެކްސިންތައް އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ މަރުހަލާގައި އޮތްއިރު އެސްޓްރާޒެނެކާ އާއި ޖޯންސަން އެންޑް ޖޯންސަން އަދި ނޮވަވަޒްގެ ވެކްސިން ކާމިޔާބުކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށް ގޭޓްސް ވިދާޅުވިއެވެ.

އެމެރިކާ އިން މިހާރު އަންނަނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކޮވިޑް-19 ވެކްސިން އާއްމުކޮށް މީހުންނަށް ދޭން ފަށަން ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު