އަވައްޓެރި ސްރީލަންކާގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ޖަލު ކަމަށްވާ މަހާރަ ޕްރިޒަންގައި މިއަދު ހަވީރުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކެއްގައި މިހާތަނަށް ހަތަރު މީހަކު މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ބުނެފިއެވެ.

މަހާރަ ޕްރިޒަން އަކީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ހުޅަނގު ޕްރޮވިންސްގައި ހުންނަ ޖަލެކެވެ. މިއީ އާއްމުން ދިވެހިން ދިރިއުޅޭ ސަރަހައްދެއް ނޫނެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ޖަލު ހުންނަ ސަރަހައްދާއި ކައިރީގައި ހުންނަ ރަގަމާ ހޮސްޕިޓަލަށް މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑާއި ހަމަނުޖެހުންތަކުގައި ޒަހަމްވި 24 މީހަކު ގެނެސްފައިވާ ކަމަށެވެ. މިއެންމެންނަކީ ވެސް ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖަލުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިރުކޮޅެއް ކުރިން ވެސް ޖަލުގެ ތެރެއިން ބަޑި ޖަހާ އަޑުއިވުނު ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި ޖަލުގެ އިމާރާތެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ވެސް ދުރަށް ފެނެއެވެ.

ލަންކާގެ ޓީވީ ޗެނަލްއެއް ކަމަށްވާ "ހިރޫ" އިން ބުނީ ގައިދީންތަކެއް މަރުވެފައި ވަނީ ގައިދީން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ޖަލުގެ ގާޑުން ބަޑި ޖެހުމުންނެވެ.

ޖަލުގައި ހަމަނުޖެހުންތައް ފެށުނު އަސްލު ސަބަބެއް އަދި ލަންކާގެ ރަސްމީ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

މަހާރަ ޕްރިޒަންގައި މިހާރު ވަނީ ވަރަށް ބޮޑަށް ކޮވިޑް-19 ވެސް ފެތުރިފައެވެ. މިއަދު ވެސް އެޖަލުން 183 ގައިދީއަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މަހާރަ ޕްރިޒަން އަކީ އިނގިރޭސީން ސްރީލަންކާ ހިފައިގެން ތިބި ދުވަސްވަރު 1875 ވަނަ އަހަރު ހުޅުވި ޖަލެކެވެ.

2012 ވަނަ އަހަރު ސްރީލަންކާގެ ވެލިކަޑަ ޕްރިޒަންގައި ވެސް ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. ޖަލު ބަލަހައްޓަން ތިބި ސިފައިންގެ ހަތިޔާރުތަކެއް ގައިދީން އަތުލައި ބައެއް ސިފައިން ރަހީނު ކުރުމުން ހިނގި ހަމަނުޖެހުންތަކުގައި 27 ގައިދީއަކު އެފަހަރު މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު