ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު ނަމަވެސް އަދި އެއީ "ހާލަތު ރަނގަޅު ކުރަން އޮތް ވަޒަނެއް" ނޫންކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމާއި އެއްވަރަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް މުހިއްމު ވެފައިވަނީ މިބައްޔަށް ބޭހެއް ހޯދުމެވެ.

ކޮވިޑް-19 އަށް ފަރުވާއެއް ނުވަތަ ބޭހެއް ހޯދުމުގައި ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތައް މިވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ޔުނިވަސިޓީ އޮފް އެޑިމްބާގްގެ ސައިންސްވެރިން ކުރި ދިރަސާއެއްގައި މިވަނީ ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވާ މީހުންގެ ކިބައިގައި ހުންނަ އެއްގޮތް ޖެނެޓިކް ސީކްއެންސްތަކެއް ދެނެގެންފައެވެ.

ސައިންސްވެރިންގެ ދިރާސާއިން ކަށަވަރު ކުރެވުނު ގޮތުގައި ކޮވިޑް-19 ޖެހިގެން ހާލު ދެރަވާ މީހުންގެ ހަށިގަނޑުގައި އެއްގޮތް އަށް ޖެނެޓިކް ސީކްއެންސް އެބަހުއްޓެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި މިވަނީ ހާލު ދެރަވާ މީހުން ޖެނެޓިކަލީ އެއްގޮތް ކަންތައްތަކެއް ހުންނަ ކަމަށް." އިނގިރޭސިވިލާތުގައި އާއްމުކުރި ދިރާސާ ކަރުދާހުގައި ބުނެފައި ވެއެވެ.

މިދިރާސާ ކުރުމުގައި ވަނީ ކޮވިޑް-19 ޖެހިގެން ހާލު ދެރަވި 2244 މީހުންގެ ހާލަތު ބަލާފައެވެ. އޭގެތެރެއިން 208 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނެވެ. ދިރާސާގައި ބައިވެރި ކުރި މީހުންނަކީ އިނގިރޭސިވިލާތުގެ ބައޯބޭންކްގައި ޖެނެޓިކް މައުލޫމާތު ލިބެން ހުރި މީހުންނެވެ. އެހެންކަމުން އެމީހުން ދިރާސާގައި ބައިވެރިކޮށްފައި ވަނީ ވަކިތަރުތީބެއް ނެގި ނެގި މީހުންގެ ގޮތުގައެވެ.

ކޮވިޑް-19 އަކީ އާބައްޔެއް ކަމަށްވުމުން ކޮވިޑް-19 އާއި ގުޅޭ މާގިނަ މައުލޫމާތެއް އަދިވެސް ސައިންސްވެރިންނަކަށް ނޭނގެއެވެ. އެހެންކަމުން ހުއްޓުމެއްނެތި ބަލީގެ ތަފާތު ދިރާސާތައް ކުރުމުގެ މަސައްކަތް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބޫބޭ

    ކޮންމެ ދުވަހަު ކޮންމެވެސް ވެކްސިނެއް ކާމިޔާބު އެވަބޭ އެކަމަކުވެސް ދުނިޔޭގެ ފައްސިވާ މިންވަރަކަށް ބަދަލެއް ނާދޭ މަރުވާ ބަޔަކު މަރުއެބަވޭ. މީ ވެސް އަޖާބެއް

    13
    3
  2. ހުސެންކޮއެ

    ދުިނިޔޭގެ އާބާދީ ކޮންޓްރޯލްކޮށް ޗިޕް ޖަހާފައި ބަހައްޓަން ރާވައިގެން އުޅޭ ކުޅިގަނޑެއް!ވެކްސިން މަޖުބޫރު، ކެއުން ބުއިމާއި ޒަރޫރީ ކަންކަން މަޖުބޫރެއް ނޫން؟؟! އަޖައިބު