އަފްގާނިސްތާނުގައި، އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް މިދިޔަ އަހަރު ލަފާ ކޮށްފައިވާ އަދަދަށްވުރެ، ކޮވިޑް-19 ގެ ބަލި މަޑުކަމާއި ގުޅިގެން އަންނަ އަހަރު އަފްގާނިސްތާނުގެ ފަސް މިލިއަން ރައްޔިތުންނަށް އަވަސް އެހީތެރިކަން ބޭނުންވާނެ ކަމަށް ޔޫއެން އިން ލަފާ ކޮށްފިއެވެ.

ޔޫއެންގެ ހިއުމެނިޓޭރިއަން އެފެއާސްގެ އެކްޓިންގ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް، ރަމޭޝް ރަޖަސިންގްހަމް ވިދާޅުވެފައި ވަނީ އެގައުމުގެ ރައްޔިތުން އެހީތެރިކަމަށް އެދޭ ކަމަށާއި ވީއެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ރަޖަސިންގްހަމް އެގޮތަށް ވިދާޅުވެފައި ވަނީ އަފްގާނިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބޭއްވި ބައްދަލުވުމެއްގައެވެ. މި ދަތުރުގައި އޭނާ ވަނީ މިދުވަސްކޮޅު އެގައުމުގެ ރައްޔިތުން އުޅެމުން އަންނަ ދަތި ހާލު ބައްލަވާލައްވާފައެވެ.

އެގައުމުގައި ހާލުގައި ޖެހި އެހީތެރިކަމަށް އެދޭ މީހުންގެ އަދަދު އިތުރުވަނީ “ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން“ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

“އަޅުގަނޑުމެން އެދިފައިވާ އެހީ ލިބިއްޖެނަމަ، 11 މިލިއަން މީހުންނަށް އެހީ ވެވޭނެ. މިއަހަރު ތެރޭ 16 މިލިއަން މީހުންނަށް އެހީ ވެވޭނެ ކަމަށް ލަފާ ކުރެވޭ“ ރަޖަސިންގްހަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭގެ ތެރޭގައި އެގައުމުގައި ތިބި އެތައް މިލިއަން މީހުންނާއި ވަގުތީ ގޮތުން އެކި ތަންތަނަށް ގޮސްފައިވާ މީހުން ހިމެނޭ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެފައި ވަނީ، އުއްމީދު ކުރީ ސުލްހަވެރިކަމުގެ ވާހަކަތައް ގަތަރުގެ ބަދަލުގައި އެގައުމުގެ ސަރުކާރާއި ތަލިބާނުން ކުރިއަށް ގެންދާނެ ކަމަށެވެ.