ޗައިނާގައި 7 މީހުން މަރާފައިވާ އަންހެނެއް 20 އަހަރު ފަހުން ކޯޓަށް ހާޟިރު ކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލާއޯ ރޮންޒީ ނަމަކަށް ކިޔާ މި އަންހެން މީހާ ވަނީ 7 މީހުން މަރައިލުމަށްފަހު ފިލައިފައެވެ. އަދި އޭނާއަކީ ކާކުކަން ފޮރުވުމަށް އޭނާ ވަނީ މޫނުގެ ސާޖަރީއެއް ހަދާފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ލާއޯ ރޮންޒީ ވަނީ މިދިޔަ ހޯމަ ދުވަހު ދެކުނު އިރުމަތީ ޗައިނާގެ ޖިއަންގްސީ ޕްރޮވިންސްގެ ނަންޗެންގް އިންޓަމީޑިއޭޓް ޕީޕަލްސް ކޯޓަށް ހާޟިރު ކޮށްފައިވާ ކަމަށް އެ ކޯޓުގެ ރަސްމީ ވެއިބޯ އެކައުންޓުގައި ނެރެފައިވާ ބަޔާނެއްގައިވެއެވެ. ޗައިނާގެ ނޫހެއް ކަމަށްވާ ބެއިޖިން ޔޫތު ޑެއިލީގައި ލާއޯ ރޮންޒީއާއި ހަވާލާދީ ބުނެފައިވަނީ އޭނާއަކީ ވެސް ބައެއްގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށާއި، ކިތައްމެ ބިރުގަތް ނަމަވެސް އޭނާ އެކަން ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ފާ ޒިޔިންއަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ.

ލާއޯގެ ލޯބިވެރިޔާ ފާ ހައްޔަރު ކުރެވިފައިވަނީ 1999 ވަނަ އަހަރުގެ ޖުލައި މަހު 7 މީހުން މަރާލުމުގެ ތުހުމަތުގައެވެ. ނަމަވެސް އޭނާ ވަނީ އެ އަހަރުގެ ފަހުކޮޅު ދޫކޮށްލާފައިކަމަށް ރިޕޯޓްތަކުގައިވެއެވެ. ފާ ޒިޔިން ހައްޔަރު ކުރުމުން ލާއޯ ވަނީ އެއް އަވަށުން އަނެއް އަވަށަށް އެތައް ފަހަރެއްގެ މަތިން ބަދަލުވެފައެވެ.

މި ދުވަސްތަކުގައި އާމްދަނީ ހޯދުމަށް ލާއޯ ވަނީ ބާރތަކުގައި މަސައްކަތް ކޮށްފައި ކަމަށް ޕަބްލިކް ސެކިއުރިޓީ ބިއުރޯއިން ބުނެފައިވެއެވެ. ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލާއޯއާއި ފާ ގުޅިގެން ވަނީ އެ ހަތް މީހުން ރަހީނުކޮށް މަރާލައިފައިކަމަށެވެ. 20 އަހަރު ދުވަސްވަންދެން ފިލައިގެން އުޅުނު ލާއޯ ހައްޔަރު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރ މަހު ޒިއަމަންގެ ޝޮޕިން މޯލެއްގައި ހުއްޓައެވެ.

ޗައިނާ އަކީ ފިލައިގެން އުޅޭ ކުށްވެރިން ހޯދުމުގައި މިހާރު ވަރަށް އެޑްވާންސް ޓެކްނޮލިޖީތަކެއް ގެންގުޅޭ ގައުމެކެވެ. ޗައިނާ އިން ފަހަކަށް އައިސް ވަނީ ފިލައިގެން ގިނަ ދުވަސްތަކަކު އުޅެފައިވާ އެތައް ކުށްވެރިންނެއް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    ރީތިމަންޖެ އެ އް .. ތިފަދަގޯސްކަމެ އް ކޮށްފާނެކަމަކަށްގަބޫލެ އްނުކުރެވޭ!! ސިޔާސީދިވެހިން ޚާ އްސަކޮށް އަދުރޭމެން ބުނެ އުޅޭހެން ތިމަންޖެ އަކީ ހުދުކާފޫރުކޮޅެ އް ތިޔަ އުޅެނީ ސިޔާސީމަންފާ އެ އްހޯދަން،،

    33
    16