އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ އަންހެން ދެ ފަނޑިޔާރެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.

އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރުމަށް ސަރުކާރާއި ތާލިބާނުންގެ މެދުގައި މަޝްވަރާތަކެއް ކުރިޔަށް ދަމުން ދިޔަ ދަނޑިވަޅެއްގައި ދެ ފަނޑިޔާރެއްގެ ކާރަށް އަމާޒުކޮށް މި ހަމަލާ ދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ގޮތް ނޭންގޭ ބަޔަކު ދިން މި ބަޑީގެ ހަމާލާގައިގެ ފަހަތުގައި ތާލިބާނުންގެ އަތެއް ނުވާކަމަށް އެމީހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އެގައުމުގެ ރައީސް އަޝްރަފް ވަނީ އެއީ ތާލިބާނުންނާއި ނިރުބަވެރި ޖަމާއަތަކާއި ގުޅިގެން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެގައުމުގެ އާންމު ރައްޔިތުންނަށް ބިރު ދައްކާ، ނިރުބަވެރި ހަމަލާތަކެއް ދިނުމަކީ ތާލިބާނުންނާއި އެކު ޖެހިފައިވާ މައްސަލަތަކަށް ހައްލެއް ލިބޭނެ މަގެއް ނޫން ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވަނީ ތާލިބާނުންނާއި އަފްޣާނިސްތާނާއި ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލުކޮށް، އެގައުމުގެ ރައްޔިތުންނަށް އަނިޔާވެރި ނުވުމަށް ގޮވާލާފައެވެ.

އެ ގައުމުގެ ނޫސްވެރިންނާއި ސަރުކާރުގެ އެކި ފަރާތްތަކާއި އެކްޓިވިސްޓުންނަށް ތާލިބާނުންގެ ފަރާތުން މިފަދަ ގިނަ ހަމަލާތައް އަމާޒުވެފައިވެއެވެ. އަދި އެގައުމުގެ މީޑިޔާއަތަކުން ރިޕޯޓް ކުރާ ގޮތުގައި ސަރުކާރާއި ތާލިބާނުންގެ މެދު މަޝްވަރާތަކެއް ކުރިޔަށް ގެންދަން ފެށިފަހުން ދެމުން އަންނަ ހަމަލާތައްވެސް ވަނީ އިތުރުވެފައެވެ.

އަފްއާނިސްތާން ސަރުކާރާ ތާލިބާނުންނަށް އެއްބަސްވުމަކަށް އާދެވިފައި މިވަނީ، ތިން މަސް ދުވަސް ވަންދެން، ދޯހާގައި މި ދެ ފަރާތުން ކުރިޔަށް ގެންދިޔަ ސުލްހައިގެ ވާހަކަތަކަށް ފަހުގައެވެ. މި ވާހަކަތައް ކުރިޔަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެމެރިކާއިންނެެވެ.

ތާލިބާނުންނާއި އަފްއާނިސްތާނުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، އަފްއާނިސްތާނުގައި ދެ ފަރާތުން އަދިވެސް ދަނީ ހަނގުރާމައިގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.

ދުނިޔޭގެ ގައުމުތަކުންނާއި އަދި ހުޅަނގުގެ ބާރުތަކުން، ވާހަކަތައް ކުރިއަށް ދާ ދުވަސްވަރު ހަނގުރާމަ ހުއްޓާލުމަށް ތާލިބާނުންނަށް ގޮވާލާފައިވީ ނަމަވެސް، ދެ ފަރާތުން އެއްބަސްވާ ކަންކަމުގެ މައްޗަށް އެއްބަސްވުމަކަށް ނާދެވެނީސް ހަނގުރާމަ ހުއްޓާލުމަށް ތާލިބާނުން ވަނީ ދެކޮޅު ހަދާފައެވެ.