ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 594 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއިން ގިނަ ބަޔަކު މަރުވެފައިވާއިރު، ފާއިތުވި ތިން ދުވަހު ވެސް އެ ގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 400 އިން މަތީގައެވެ.

ރަޝިއާއަކީ ދުނިޔެ އިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުވެސް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުން ކޮވިޑް-19 ޖެހިގެން 71،076 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެ ގައުމުން އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިސެމްބަރު 24 ވަނަ ދުވައެވެ. އެ ދުވަހު އެގައުމުން 635 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ރަޝިއާ އިން އިތުރު 17،741 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާތަނަށް އެ ގައުމުން އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީ ވެސް ހަމަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ރަޝިއާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,774,672 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 3,202,483 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 501,113 މީހަކަށެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔުގައެވެ.

ރަޝިއާ ހިމެނޭހެން ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދަށް ކޮވިޑް-19 ވަނީ ފެތުރިފައެވެ. މި ބަލި ޖެހިގެން މިހާތަނަށް 100 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައިވާއިރު، 72 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު