އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ ހުޅަގުން އޮންނަ ސުމަތްރާއަށެވެ.

މި ބިންހެލުން އައިސްފައިވަނީ 30 ކިލޯމީޓަރު އަޑިން ރެކްޓަރ މިންގަނޑުން 6.1 ގެ ބާރު މިނުގައެވެ. އެހެން ނަމަވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ 6.2 ބާރު މިނުގައެވެ. މި ބިންހެލުން އައިސްފައިވަނީ މިއަދު ގަޑިން 5:52 އެހާކަންހާއިރުއެވެ.

އެގައުމުން ބުނީ، ބިންހެލުމެއް އައި ނަމަވެސް، ސުނާމީ އަރާނެ ކަމުގެ އިންސާރެއް ދީފައި ނުވާ ކަމަށާއި ބިންހެލުމުގެ ސަބަބުން އެއްވެސް ކަހަލަ ގެއްލުމެއް މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

މެޓުން ބުނީ، މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ސުމަތްރާއަކީ މާލެއާއި 3،312 ކިލޯ މީޓަރު ދުގައި އޮންނަ ރަށެކެވެ.

މި ބިންހެލުން ސުމަތްރާއަށް އައިސްފައިވާއިރު، އެގައުމުގައި މިހާތަނަށް އެންމެ ނުރައްކާތެރި ބިންހެލުމެއް އައިސްފައިވަނީ 2004 ވަނަ އަހަރުއެވެ. އެ އަހަރު އައި 9.1 ބާރުމިނުގެ ބިންހެލުމުގައި 220،000 ވުރެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ. މިއީ މިހާތަނަށް ރިކޯޑް ކުރެވިފައިވާ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު