އިންސާނުންގެ ގައިން ފުރަތަމަ ފަހަރަށް ދޫނި ރޯގާ ފެނިއްޖެއެވެ.
ދޫނި ރޯގާ ޖެހިފައިވާ މީހުން ފެނިފައިވަނީ ރަޝިއާއިންނެވެ. އެގައުމުން ބުނެފައިވަނީ ފެނިފައިވަނީ ދޫނި ރޯގާގެ H5N8 ވައްތަރު ކަމަށެވެ.
އެގައުމުގެ 7 މީހެއްގެ ގައިން ދޫނި ރޯގާ ފެނުނު ނަމަވެސް، އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް މި ބަލި އަރާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ރަޝިއާއިން ދޫނި ރޯގާ ފެނުމާއި ގުޅިގެން އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެ މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގައުމުން ދޫނި ރޯގާ ޖެހިފައިވާ 7 މީހުންނަކީ އެގައުމުގެ މަޝްހޫރު ފާމެއްގައި މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އެމީހުންގެ ގައިން ދޫނި ރޯގޯ ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
"މި ވޭދަނަތައް އިއުލާނު ކޮށްފައިވަނީ ދާދިފަހުން، އަޅުގަނޑުމެންނަށް އެކަން ކަށަވަރުވުމުން" އެގައުމުގެ ސިއްހަތާއި ބެހޭ އިސްފާރާތެއް ކަމަށްވާ އައްނާ ޕޮޕޮވާ ބުންޏެވެ.
އެމީހުންގެ ގައިން ބަލި ފެނުނު ނަމަވެސް، ސިއްހީ އެއްވެސް ކަހަލަ ސީރިއަސް ކަމެއް ނުފެނި ބަލިން ރަނގަޅުވެފައިވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.
ދޫނި ރޯގާއަކީ ދޫނިތަކަށް ޖެހޭ ބައްޔެއް ނަމަވެސް، ރަޝިއާއިން މިބަލި އިންސާނުންނަށް ޖެހުމާއި ގުޅިގެން މިވަގުތު އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ބަލި އިންސާނުންގެ ގައިން އިންސާނުންގެ ގަޔަކަށް ނުޖެހެއެވެ.
ޕޮޕޮވާ ބުނީ، އެގޮތަށް ބަލި ނުފެތުރު ނަމަވެސް، ފަހުން ވާނެ ގޮތެއް އަދި ނޭނގޭނެ ކަމަށެވެ.
😵