ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކޮވެކްސް ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ލިބުނު ގައުމަކަށް ގާނާ ވެއްޖެއެވެ.

ކޮވެކްސް ޕްރޮގްރާމްގެ ދަށުން ގާނާއަށް ލިބިފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއި އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ގުޅިގެން އުފައްދާފައިވާ "ކޮވިޝީލްޑް"ގެ 600،000 ޑޯޒުއެވެ. މި ވެކްސިން އެގައުމަށް ގެންގޮސްފައިވަނީ އެމިރޭޓްސް ފްލައިޓެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ވެކްސިން އެގައުމަށް ގެނެވުނުއިރު، ސަރުކާރުގެ އެކި މަގާމުތަކުގެ ބޭފުޅުން އެސަރައްދުގައި ތިއްބެވިއެވެ.

އެގައުމަށް ވެކްސިން މިއަދު ލިބުނު ނަމަވެސް ވެކްސިން ދޭން ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ކަމަށާއި ވެކްސިން ޖަހާނީ ވަކި ތަރުތީބަކުން ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ހަމަ ޖެހިފައިވަނީ ސިއްހީ ހިދުމަތްތެރިންނަށެވެ. އޭގެ ފަހުން 60 އަހަރުން މަތީގެ އެކި ބަލިތަކަށް ބޭސްކުރާ މީހުންނާއި ފްރޮންޓްލައިގައި މަސައްކަތް ކުރާ މީހުންނެވެ.

އެގައުމުގެ ސަރުކާރުން ވަނީ އަވަސް މުސްތަގުބަލެއްގައި އެގައުމުގެ ހުރިހާ އެންމެންނަށް ވެކްސިން ދެވޭތޯ އުއްމީދު ކުރާ ކަމަށް ބުނެފައެވެ.

ގާނާއަކީ މެދު އަދި ދަށް ފަންތީގެ އާމްދަނީ ލިބޭ 92 ގައުމުތަކުގެ ތެރެއިން ހިލޭ ވެކްސިން ލިބޭ އެއް ގައުމެވެ. މީގެ އިތުރުން ދެން ހިމެނޭ 91 ގައުމުތަކުން ވަނީ ކޮވެކްސް ޕްރޮގްރާމްގެ ދަށުން ވެކްސިން ގަންނާނެ ކަމަށް އެއްބަސް ވެފައެވެ.

އާބާދީގެ ގޮތުން 30 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ގާނާއިން ކޮވިޑް-19ގެ 81،245 ވޭދަނައެއް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 584 މީހަކު ވަނީ މަރުވެފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.