ލަންޑަންގެ މެދުތެރޭގައި ހުރި ފަސްތަރީގެ ހޮޓަލެއްގައި ރޯވެ އަލިފާންގަނޑު އިތުރަށް ފެތުރެން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ހާދިސާ އާއި ގުޅިގެން އެ ސަރަޙައްދަށް ވަރަށް ބޮޑަށް ދުން ފެތުރިފައިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ މީސްމީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އަލިފާނުގެ ނުރައްކަލުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށް މަގުތައް ވަނީ ބަންދުކޮށްފައެވެ.

މި ހާދިސާ އާއި ގުޅިގެން ސަތޭކައަށްވުރެ ގިނަ ފަޔަރ ފައިޓަރުންނާއި އޮފިޝަލުން މިހާރު އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާއިރު، ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ދަނީ ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެމުންނެވެ.

މި ހާދިސާގެ ނުރައްކާ ބޮޑުވެ ކައިރީގައިވާ އެހެން އިމާރާތްތަކުގައިވެސް ރޯވެދާނެކަމުގެ ބިރު ބޮޑުވެފައިވާއިރު، ރޯވެފައިވަނީ ގިނަ ޢަދަދެއްގެ އިމާރާތްތައް ހުންނަ ސަރަޙައްދެއްގައި ހުރި ހޮޓަލެއްގައެވެ.

މި އަލިފާނުގެ ސަބަބުން ރޯވެފައިވާ ޢިމާރާތް ހުރި ސަރަޙާއްދުގެ މަގުތަކާއި އިމާރަތްތަކަށް ދުމާއި އަޅީގެ އަސަރު ވަރަށް ބޮޑަ ކުރަމުންދާއިރު، ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ލަންޑަންގެ ގަޑިން ހަވީރު 3:55 ގައެވެ. ނަމަވެސް ހޮޓަލުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

އަލިފާނުގެ މި ނުރައްކާތެރި ހާދިސާއަކީ، މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި ލަންޑަނުގެ ގްރީންފެލް ޓަވަރުގައި އަލިފާން ރޯވެ ހިނގި ހާދިސާއަށްފަހު ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. ގްރީންފެލް ޓަވަރުގައި ރޯވެ ހިނގި ހާދިސާގައި 72 މީހަކު މަރުވެ 70 އަށްވުރެ ގިނަ މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ. އެ ހާދިސާއަށް އަހަރެއް ވާނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޙަމްދު ލިﷲ.