މޭ މަހުން ފެށިގެން ފަތުރުވެރިންނަށް ގްރީސް އަށް ދެވޭނެކަން ގްރީސް އިން އިއުލާނު ކޮށްފިއެވެ.

އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރ ހާރިސް ތިއޯހާރިސް ވިދާޅުވެފައި ވަނީ، ކޮވިޑް-19 ވެކްސިންޖަހައި، ނުވަތަ ކޮވިޑް-19 އަށް ޓެސްޓު ކޮށް ނައްސި ވެފައިވާ ކޮންމެ މިީހަކަށް ގްރީސް އަށް އާދެވޭނެ ކަމަށެވެ.

ދި ގާޑިއަން އަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެފައި ވަނީ މޭއި 14 ވަނަ ދުވަހުން ފެށިގެން ފަތުުރު ވެރިންނަށް މަރުހަބާ ކިޔަން ނިންމާފައިވަނީ ކޮރޯނާ ވައިރަސް ޕެންޑެމިކް ސްޓޭޓަސްއަށް ބަލައި ހާއްސަ ގަވާއިދު ތަކަކާއި އެކު ކަމަށެވެ.

މޭ މަހުގައި ވެކްސިން ޕާސްޕޯޓް ހިފައިގެން ފަތުރުވެރިންނަށް ސްޕެއިންއަށް ދެވޭނެ ކަމަށް ސްޕެއިންގެ ޓޫރިޒަމް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންސް ރޯޑްމެޕަށް ބަލާއިރު، އެ ގައުމުގެ ރަައްޔިތުންނަށް ގައުމުން ބޭރަށް ދަތުރު ކުރެވޭނެ އެންމެ އަވަސް ތާރީހަކީ މޭ މަހުގެ 17 ވަނަ ދުވަހެވެ. ގައުމުން ބޭރަށް ނުދެވުނު ނަމަވެސް، ޕެންޑެމިކް ހާލަތު ރަނގަޅުނަމަ އޭޕްރީލް 12 އިން ފެށިގެން އިނގިރޭސީންނަށް ގައުމުގައި އާއިލާ މެމްބަރުންނާއި އެކު ޗުއްޓީ ހޭދަކުރެވޭނެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ކޮވިޑް-19 ރެސްޕޮންސް ޓީމުން ބުނެފައިވަނީ 29 މާރޗް އިން ފެށިގެން އަށް މީހުންނަށް ވުރެ އިތުރު ނުވާގޮތަށް ގުރޫޕު ހަދައިގެން ބޭރުގައި އުޅެވޭނެ ކަމަށެވެ. އޭގެ އިތުރުން ގުރޫޕު ހަދައިގެން ބޭރުގައި އުޅުނު ނަމަވެސް ގައިދުރުކަން ބެހެއްޓުމަށް ހަނދާން ކޮށްދީފަވެއެވެ.