މެއި 14 ވަނަ ދުވަހު ގްރީސްގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ބާލިންގައި ބޭއްވި ޓޫރިޒަމް ފެއާގައި ގްރީސްގެ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު ހެރިސް ތިއޯހެރިސް ވިދާޅުވީ ވެކްސިން ޖަހާފައިވާ ކޮންމެ މީހަކަށް އަދި ކޮވިޑް-19 އަށް ނައްސި ސުންކެއް ގެންނަ ކޮންމެ މީހަކަށް މެއި 14 އިން ފެށިގެން އެ ގައުމަށް އެތެރެވެވޭނެެ ކަމަށެވެ.

ހާއްސަ ގަވާއިދުތަކަކާ އާ ޕްރޮޓޮކޯލްތަކާ އެކު ގްރީސް ފަތުރުވެރިންނަށް ހުޅުވާލާ އިރު އޭގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަނެވޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ގްރީސްގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށްވާ އިރު އެ ގައުމުގެ ފަތުރުވެރިކަން މަޑުޖެހިފައި ވަނީ މިދިޔަ އަހަރުގައި އެ ގައުމަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

ގްރީސް އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ގައުމަކީ ޖަރުމަނެވެ. އޭގެ ފަހުން ދެން އެންމެ ގިނައިން އެ ގައުމަށް ފަތުރުވެރިން ޒިޔާރަތް ކުރަނީ އިނގިރޭސިވިލާތުންނެވެ.

ގްރީސްގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ އެ ގައުމުގައި ކޮވިޑް-19 އަށް ވެކްސިން ދިނުމަށް ފަށާފައިވާ ކަމަށާއި އުމުރުން ދުވަސްވީ ފަރާތްތަކަށާއި އެންމެ ނާޒުކު ފަރާތްތަކަށް ވެކްސިން ދީފައިވާ ކަމަށެވެ.