އިންޑިއާގައި މޭ 10 ވަނަ ދުވަހާ ހިސާބަށް ދުވާލެއްގެ މައްޗަށް 5،000 އަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންސްޓިޓިއުޓް ފޯ ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަން (އައިއެޗްއެމްއީ) އިން ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާ ރިޕޯޓުގައި ބުނެފައިވަނީ މި އަހަރުގެ އޮގަސްޓް މަހާ ހިސާބަށް އިންޑިއާ އިން 665،000 މީހުން މަރުވެދާނެ ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ އޮގަސްޓު މަހުގެ އެއްވަނަ ދުވަހާއި ހިސާބަށް އެގައުމުގައި ކޮވިޑުގައި މަރުވާ މީހުންގެ އަދަދު 729،000 އާ ގާތްކުރާ އަދަދަކަށްް ގޮސްދާނެ ކަމަށެވެ. އޭގައި ފާހަގަ ކޮށްފައިވަނީ ގައުމުގެ ހާލަތު ކިތަންމެ ގޯސް ނަމަވެސް، މާސްކު އަޅައިގެން އުޅޭނަމަ އޮގަސްޓް މަހުގެ ނިޔަލަށް 70،000 މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށެވެ.

އޮގަސްޓް މަހުގެ އެއްވަނަ ދުވަހާއި ހިސާބަށް އިންޑިއާގައި 700 މިލިއަން މީހުންނަށް ވުރެ ގިނައިން ވެކްސިން ޖަހާފާނެ ކަމަށާއި، ވެކްސިން ޖެހުމުގެ ސަބަބުން 85،000 މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ދިރާސާއިން ދައްކައެވެ.

ދިރާސާއިން ދައްކާ ގޮތުން އިންޑިއާގައި ފަސްވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ސަބަބަަކަށް ވެފައިވަނީ ކޮވިޑެވެ. މިހާރު އެގައުުމުގައި ދުވާލެއްގެ މައްޗަށް ލައްކަ އަކަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސި ވަމުން ދާއިރު ދުވާލަކު ހާހަކަށް ވުރެ ގިނަ މީހުން ކޮވިޑުގައި މަރުވާކަން ފާހަގަ ކޮށްލެވެއެވެ.

މި މަހުގެ 12 ވަނަ ދުވަހާއި ހިސާބަށް އިންޑިއާގެ އާބާދީން 24 އިންސައްތަ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު