ކޮވިޑް-19 އަށް އިންޑިއާ އިން ފައްސިވާ އަދަދާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދަށް ބަލާއިރު އިންޑިއާ އިން ފެންނަވީ ހިތް ފަޅައިގެން ދާވަރުގެ ހިތާމަވެރި މަންޒަރެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެއެވެ.

ޓެޑްރޯސް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތު ކޮންޓްރޯލް ކުރުމަށް ޑަބްލިއުއެޗްއޯ އިން އަވަސް އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، މިހާރު ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. ބަލި މީހުންގެ އަދަދު ވަނީ ފަރުވާ ދޭން ހުރި ޖާގައަށްވުރެ އެތައް ގުނައެއް އިތުރުވެފައެވެ. އެތައް ބަޔަކު މަރުވާން ދޫކޮށްލަން ސިއްހީ އެހީތެރިންނަށް ވަނީ މަޖުބޫރު ވެފައެވެ.

އެތައް ބަޔަކު ގެންދަނީ އާއިލާ މެންބަރުންނަށް ބޭނުންވާ އޮކްސިޖަން ހޯދަން ސަލާން ޖަހަމުންނެވެ. ހޮސްޕިޓަލްތަކުން އެނދެން ލިބިދާނެ ކަމުގެ އުއްމީދު ވެސް މިހާރު ނެތުމުން ގިނަ މީހުން މަސައްކަތް ކުރަނީ އަމިއްލައަށް އޮކްސިޖަން ފުޅިއެއް ހޯދައިގެން ގޭގައި އާއިލާ މެންބަރުންނަށް ފަރުވާ ދޭށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓެޑްރޯސް ވިދާޅުވީ އިންޑިއާ އަށް މިވަގުތު ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް އިންޑިއާ އިން ކުރަމުން އަންނަ ކަމަށެވެ.

"މޯބައިލް ފީލްޑް ހޮސްޕިޓަލްތަކަށާއި އަދި ލެބޯޓްރީތަކަށް ބޭނުންވާ ސާމާނާއި އެހެނިހެން ސާމާނު ވެސް އދ.ގެ އެހެން އިދާރާތަކާއި ވެސް ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް މިދަނީ ކުރަމުން." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ޑަބްލިއުއެޗްއޯގެ 2600 އަށްވުރެ ގިނަ މުވައްޒަފުން މިހާރު އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ އިން މިހާތަނަށް 14 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އިންޑިއާގެ އެންމެ މުއްސަނދި ސިޓީތަކާއި ވަސީލަތްތައް އެންމެ ފުރިހަމައަށް ހުރި ސިޓީތަކުގައި ވެސް ކޮވިޑް ކޮންޓްރޯލެއް ނެތި ފެތުރެމުން ގޮސް އެސިޓީތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ރަށްފުށުގެ ސަރަހައްދުތަކުގެ ހާލަތު އަދި މިއަށްވުރެ މާބޮޑަށް ގޯސްވާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    2 ބިލިއަން މަރުގެ ޓާގެޓް ހާސިލެއް ނުވާނެ!!! މީހުން ވިހާނެކަންވެސް ހަނދާން ކުރަންޖެހޭ.. ވެކްސިން ޖަހައިގެން ބަނޑުބޮޑުނުވާނެހެން ހެދޭނެހެން ހިޔެއްނުވޭ!!!!

  2. ރީމާ

    ގެރިތަކަށާ ބުއްދާތަކަށް ތިކަމުގައި ވެވުނު އެހީެއްނެތްކަން ޤަބޫލުކޮށް މާތްﷲއަށް ދުޢާދަންނަވަން ފަށާ!

  3. ގފގފގފ

    އިޒްރޭލުން ގަންގަ ގަނޑު ފެނިފަ އެއްވެސް އެއްޗެއް ފަޅައިގެން ދާވަރެއް ނުވޭ ދޯ؟

  4. އެމަންޖެ

    ތިކަން އެނގުނުލެއް އަދި އަވަސް.