އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއަށް ސައިބާ އެޓޭކެއްދީ، އެއާ އިންޑިއާގެ 4.5 މިލިއަން ފަސިންޖަރުންގެ ޒާތީ މައުލޫމާތު ލީކް ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފަސިންޖަރުންގެ މައުލޫމާތު ލީކްވި ކަމަށް ބުނެ އެ ކުންފުނިން ދިން މައުލޫމާތުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނަށް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން، މީހުންގެ ނަމާއި، ކޮންޓެކްޓް، ޕާސްޕޯޓުގެ މައުލޫމާތު، އަދި ޓިކެޓާއި ކާޑުގެ މައުލޫމާތު ހިމެނެއެވެ. މައުލޫމާތު ލީކް ވެފައިވަނީ 2011 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހާ ހިސާބަށް ރެެޖިސްޓާ ވެފަ ތިބި މީހުންގެއެެވެ.

މާރިޗް މަހު އެ ކުންފުނިން ބުނެފައިވަނީ ބޭނުން ކުރަމުންދާ ޑޭޓާ ޕްރޮސެސާ، ޕެސެންޖާ ސާވިސް ސިސްޓެމް (އެސްއައިޓީއޭ ޕީއެސްއެސް) އަށް ސައިބާ ހަމަލާއެއް އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ބުނެފައިވަނީ އެކަން ބަލައި، ސެކިއުރިޓީ ފިޔަވަޅު ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރު ބްރިޓިޝް އެއާވޭސްއަށް ދިން ސައިބާ ހަމަލާއެއްގައި 400،000 ކަސްޓަމަރުންގެ މައުލޫމާތު ލީކް ވުމާއި ގުޅިގެން 200 މިިލިއަން ޕައުންޑުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

އެއާ އިންޑިއާ އަކީ ގިނަ ބަޔަކު ދަތުރުކުރާ މަޝްހޫރު އެއާލައިންއެކެވެ. ލީކްވި މައުލޫމާތާ ގުޅިގެން އަދި އެ ކުންފުންޏަށް ވަކި އަދަބެއް ނުވަތަ ޖޫރިމަނާއެއް ދޭން ނިންމާފައިވާކަން އެނގިފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން، މިހާރު މައްސަަލަ ދަނީ ތަހުގީގް ކުރަމުންނެވެ.