ދޫނި ރޯގާގެ އެޗް10އެން3 ވައްތަރު ފުރަތަމަ ފަހަރަށް އިންސާނެއްގެ ގައިން ފެނިއްޖެ އެވެ.

މި ވައްތަރުގެ ދޫނި ރޯގާ ފެނިފައި ވަނީ ޗައިނާ މީހެއްގެ ގައިންނެވެ.

އެ މީހާއަކީ ޖިއަންގސޫ ޕްރޮވިންސްއަށް ނިސްބަތްވާ މީހެއް ކަމަށް ޗައިނާގެ ހެލްތް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

އެއީ އުމުރުން 41 އަހަރުގެ ފިރިނެކެެވެ. އެ މީހާއަކީ ޒެންޖިއަން ސިޓީގައި ދިރިއުޅެމުންދާ މީހެއް ކަމަށާއި، އެ މީހާގެ ހާލަތު ރަނގަޅު ކަމަށް އެގައުމުގެ މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ މީހާގެ ގައިން އެ ބަލި ފެނިފައި ވަނީ މެއި 28 ވަނަ ދުވަހު އެވެ. އެ މީހާއަަށް ބެލި ޖެހުނު ގޮތުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ދޫނި ރޯގާގެ މި ވައްތަރު ދުނިޔޭގެ އެއްވެސް ހިސާބަކުން ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް ޗައިނާގެ ދޫނި ރޯގާގެ އެކި ވައްތަރުތައް ފެނިފައި ވެއެވެ. އަދި މި ވައިރަސް ފެނިފައިވަނީ ދޫނި ގެންގުޅޭ މީހުންގެ ފަރާތުން ކަމަށްވެސް ބުނެފައި ވެއެވެ.

ޗައިނާގެ ހެލްތް އޮތޯރިޓީން ބުނީ، ފަހުންފެނުނު އެ ވޭދަނައަކީ ވަރަށް މަދުން ނޫނީ ނުފެންނަ އަދި ދޫނީގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް އަރާ ވައިރަސްއެއް ކަމަށެވެ. އަދި މި ވައިރަސް އާލަމީ ވަބާއަކަށް ވުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފައި ވެއެވެ.

މީގެ ކުރިން އޭޕްރިލް މަސް ތެރޭގައި ޗައިނާގެ ޝެންގޔަންގ ސިޓީން ދޫނި ރޯގާގެ އެޗް5އެން6 ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިނޯ

    ޗައިނާމީހުން އަދިވެސް މުޅަތަކެތި ކެއުން ހުއްޓާކަށް ނުވޭބާ؟؟؟؟

    14
  2. އައިޝާ

    ހުރިހާ ބައްޔެއްވެސް ފެންނަނީ ތިޗައިނާއިން.އަދިވެސް އަތުޖެހުނުހާ އެއްޗެއް ކެއުން ހުއްޓާކ ކަށްނުވޭތަ ތިމީހުން😡