ސްވިޑެންގެ ސަޕޯޓަރުން ޖަމާވެފައިވާ ކެފޭއަކަށް ދިން ބަޑީގެ ހަމަލާތަކެއްގައި ފަސްމީހުން ޒަހަމްކޮށްލައި އެކަކު މަރާލައިފިއެވެ.

އިއްޔެ ވޯލްޑްކަޕްގައި ސްވިޑެން ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުން އެކަމުގެ އުފާ ފާޅުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ކެފޭއަށް ޖަމާވެފައިވަނިކޮށް ބަޑީގެ ހަމަލާތަކެއް ކެފޭއަށް އަމާޒުކޮށްފައިވާއިރު އެ ހަމަލާއަކީ ޓެރަރިޒަމް (ނިބުރުވެރި) އަމަލެއް ކަމުގައި އެ ގައުމުގެ ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ފުލުހުން އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.

ހަމަލާދީފައިވަނީ ސްވިޑެންގެ މަލްމޯގައި ހުންނަ އިންޓެނެޓް ކެފޭއަށެވެ. އަދި އެ ކެފޭއަށް 15-20 އާއި ދެމެދުގެ އަދަދަކަށް ބަޑިން ހަމަލާދީފައިވާ ކަމުގައިވެސް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

މި ހަމަލާގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދާއިރު ހަމަލާގައި މަރުވެފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެއްކަމަށް އެ ސިޓީގެ ފުލުހުން ބުނެއެވެ. އަދި އޭނާ މަރުވިކަން އާއިލާއަށް އަންގާފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހަމަލާ މިހާރު އިތުރަށް ތަހުޤީގު ކުރަމުން ގެންދާއިރު ފުލުހުން ބުނެފައިވަނީ ހަމަލާ ދިނުމުގައި ޝާމިލްވާ މީހުން ވަރަށް އަވަހަށް ހޯދާނެ ކަމަށެވެ.

ވޯލްޑްކަޕްގައި އިއްޔަ ސްވިޑަން މޮޅުވީ ސައުތް ކޮރެއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.