ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންގެ ސަރުކާރުން ކުރިއަށް އޮތް އިންތިހާބގައިް ވައްކަން ކުރަން އުޅޭ އިދިކޮޅު ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) އިން ތުހުމަތުކޮށްފިއެވެ.

އެ ޕާޓީން ބުނީ ކުރިއަށް އޮތް އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން މެޝިން (އީވީއެމް) ބޭނުން ކުރަން އުޅެނީ ވޯޓުން ވައްކަން ކުރަން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކައަށް އިޝާރާތްކޮށް، ޕާކިސްތާން ނޭޝަނަލް އެސަމްބްލީގެ މެމްބަރު އަހްސަން އިގްބާލް ބުނީ ޕާކިސްތާން ތެހްރީކް-އެ-އިންސާފް (ޕީޓީއައި)ގެ ވެރިކަމުގައި ފާސްކޮށްފައިވާ ގާނޫނުގައި ކޮންމެ ސިޔާސީ ޕާޓީ އަކަށް ވެސް އެމީހުންގެ އަމިއްލަ ގަވާއިދުތަކެއް ގެނެސް ވޯޓުން ވައްކަން ކުރުމުގެ ބާރު ދީފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ އިލެކްޓްރޯނިކް ވޯޓިންގް މެޝިނެއް ބޭނުންކޮށްގެން އިންތިހާބު ކުރިޔަށް ގެންދާ ގޮތަށް ދެ ބިލެއް ފާސްކޮށްފައެވެ. މިކަމާއި ގުޅިގެން އިގްބާލް ބުނީ ޕީޓީއައިއިން ބޭނުންވަނީ އިންތިހާބާއި ގުޅޭ ގާނޫނުތައް ފާސްކޮށްގެން އިންތިހާބުން ވައްކަން ކުރަން ކަމަށެވެ. އިންތިހާބާއި ގުޅިގެން ގާނޫނުތަކަށް ގެނެވިފައިވާ ބަދަލަކީ ދެފުށް ފެންނަ އިންތިހާބެއް ކުރިޔަށް ގެންދިޔުމަށް ވެގެން ދާނެ ހުރަހެއް ކަމަށް ބުންޏެވެ.

އިލެކްޓްރޯނިކް ވޯޓިންގައި ހެކް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޕީއެމްއެލް-އެންގެ ލީޑަރު، ޝެހްބާޒް ޝާރިފް ތުހުމަތުކޮށްފައިވާ ގޮތުން މިއީ ކުރިޔަށް އޮތް އިންތިހާބުގައި ކުރިއެރުން ހޯދަން ޖައްސާ ސްޓަންޓެކެވެ. ޕީޓީއައިއިން ވޯޓުލާ މީހުންގެ ރެޖިސްޓްރީ އޮޅުވާލައިފައިވާކަމަށް ވެސް ބުނެފައިވެއެވެ. ތަރައްގީނުވާ ސަރަހައްދުތަކުގެ މީހުންނަށް ވޯޓުލެވޭ މިންވަރު ހަނިކޮށްފައިވާ ކަމަށާއި، އިންތިހާބުގެ ސަބަބުން މަންފާއެއް ލިބޭނީ ތަރައްގީވެފައިވާ ސަރަހައްދުތަކަށް ކަމުގައި ޝެހްބާޒް ޝާރިފް ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ވެރިންގެ މުސާރަ ކުރިޔަށްވުރެ ބޮޑުކޮށްފައިވާ ކަމަށާއި، ޕާކިސްތާނުގެ އިގްތިސާދު ހީނަރުވެގެން ދިޔުމުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަގީގަތް

    އިދިކޮޅަކީ ހުސްވަގުން، މުޅި ޕާކިސްތާންގެ އެކޮނޮމީ ރޭޕްކޮށްލި ވަގުން، ރާއްޖޭގެ ވެރިކަމުގަ މިތިބީ ހަމަ އެކަހަލަ ވަގުންތަކެކެވެ. ކުޑަކޮށް ދިރާސާކޮށްބަލަ !