އުއިގާ މީހުންގެ މައުލޫމާތު ހޯދަން މަސައްކަތް ކުރި ހެކަރުންތަކެއް ފޭސްބުކުން ބްލޮކްކޮށްފިއެވެ.

ފޭސްބުކްއިން ބުނީ އެ ޕްލެޓްފޯމް މެދުވެރިކޮށް އުއިގާ މީހުންގެ މައުލޫމާތު ހޯދަން މަސައްކަތް ކުރި ހެކަރުންގެ ގުރޫޕެއް ބްލޮކް ކުރީ މިދިޔަ މާޗް މަހު ކަމަށެވެ.

ފޭސްބުކްއިން ބުނި ގޮތުގައި މަދުވެގެން 500 މީހުންނަށް އަމާޒުކޮށްގެން ހެކަރުން މަސައްކަތް ކުރިއެވެ. އެ މީހުންނަކީ ޒިންޖިއާންގް ސަރަހައްދަށް ނިސްބަތްވާ ތުރުކީ، އެމެރިކާ، އޮސްޓްރޭލިއާ، ސީރިއާ އަދި ކެނެޑާ ފަަދަ ގައުމުތަކުގައި ދިރިއުޅެމުން އަންނަ ބައެއް ކަމަށްވެއެވެ.

"އިންޓަނެޓަކީ ވަރަށް ބާރުގަދަ ހަތިޔާރެއް. ދިރިއުޅުމުގައި އިންޓަނެޓް މުހިންމު އެއްޗަކަށް ވެފައި ވިޔަސް، އޭގެން އާންމުންނަށް މީހާގެ ނަމާއި މޫނު ދެނެގަނެވޭ ހިސާބުން އަމާޒަކަށް އަހަރުމެން ވެގެން އެބަދޭ" ޒިންޖިއާން ސަރަހައްދައް ނިސްބަތްވާ ކެނެޑާއަށް ހިޖުރަކޮށްފައިވާ މީހަކު ބުނެފައިވެއެވެ.

އުއިގާ މީހުންގެ ހާލަތު ހޯދާ ބަލަމުން އަންނަ ދިރާސާ ޓީމުތަކުން ބުނަނީ ޗައިނާއިން އަންނަނީ އުއިގާއަށް ނިސްބަތްވާ ޒުވާން ކުދިން އިންޓަނެޓުން ކުރާ ބޭނުން ބަލައި، ގެންގުޅޭ ފޯނާއި ލެޕްޓޮޕް ފަދަ ޑިވައިސްތައް ހެކު ކޮށްގެން އުޅޭ ނޫޅޭ ގޮތް ވަރަށް ކައިރިން ބަލަމުން ކަމަށެވެ. އާއިލާ މީހުން ބަންދުގައި ތިބުމުން އެވާހަކަ އިންޓަނެޓުގައި އާންމުކޮށް، ހައްގު ހޯދަން މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ގުޅުން އޮންނަ މީހުންނަށް ބަންދުގައި ބަހައްޓައިގެން ދެމުން އަންނަ އަނިޔާތައް އިތުރުކުރާ ކަމަށް ދިރާސާ ކުރާ މީހުން ބުނެއެވެ.

އދ. އިން ބުނަނީ ޗައިނާއިން ވަނީ 2017 ވަނަ އަހަރުން ފެށިގެން އެތައް މިލިއަން އުއިގާ ދަރިކޮޅުގެ ބައެއް ބަންދުކޮށްފައި ކަމަށެވެ. އަދި އިންސާނިއްޔަތާއި ދެކޮޅު އެތައް އަމަލުތަކެއް ހިންގަމުން ދާކަމަށް ބުނެއެވެ. މިކަން ޗައިނާ ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު