ޖައްވަށް ދިއުމަކީ ގިނަ ބައެއްގެ "ބަކެޓް ލިސްޓު" ގައި އޮންނަ ކަމެކެވެ. އެއީ ފޮޓޯތަކުން ފެންނަ މަންޒަރު ހަމަ ލޮލަށް ބަލައި، ހިތަށް އެ އުފާވެރިކަން ގެނައުމުގެ ބޭނުމުގައެވެ.

މިފަދަ ގޮތަކަށް ޖައްވަށް ދާން ބޭނުންވާ ފަރާތްތަކަށް އެމެރިކާގެ ކުންފުންޏަކުން މިހާރު މިވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ސްޕޭސް ޕާސްޕެކްޓިވް ކިޔާ އެ ކުންފުނިން ވަނީ ފަތުރުވެރިންގެ ގޮތުގައިި ޖައްވަށް އެބަޔަކު ފޮނުވުމަށް ނިންމައި ބުކިންސް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކެޕްސޫލް ނުވަތަ ވައިކުޑައެއްގެ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ ލަގްޒަރީ ސްޕޭސްފްލައިޓް، ނެޕްޗޫނުން ޖައްވު ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބޮލަކަށް 125،000 އެމެރިކާ ޑޮލަރު (1.9 މިލިއަން ރުފިޔާ) ނަގައިގެންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ބުކިންސް ހައްދާ ފަރާތްތަކަށް އެންމެ އަވަހަށް ވެސް މި އުޅަނދުގައި ޖައްވަށް ދެވޭނެ ކަމަށް ލަފާ ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ފަހު ކޮޅުގައެވެ.

އެ ކުންފުނިން ބުނެފައިވަނީ އެ އުޅަނދުގައި ޕައިލެޓަކާ ނުލާ ނުވަ މީހުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ. ނެޕްޗޫންގައި ކުރާ ދަތުރެއްގެ ދިގުމިނަކީ ހަ ގަޑިއިރެވެ. ފަސް މީޓަރު ފުޅާ މިނުގައި ހުންނަ މިއުޅަނދުގެ ތެރޭގައި ތިބޭ އިރު، ވަށައިގެންވާ މަންޒަރު ހަމަ ލޮލަށް ފެންނާނެއެވެ.

ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ގިނަ ބަޔަކަށް ޖައްވު ތަޖުރިބާކުރުމުގެ ފުރުސަތު އެ ކުންފުނިން ފަހި ކޮށްދީފައިވާއިރު، ޖައްވުގެ ތެރޭގައި އުޅެން ބޭނުންވާ ފަރާތްތަކަށް ވަކިވަކިންނާއި ގްރޫޕުތަކަށް ވެސް ބުކިން ހެދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ގްރޫޕުތަކުން ބުކިން ހަދާ ނަމަ، އުޅަނދު އެއްކޮށް އެ ގްރޫޕަށް ހާއްސަ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަންގޫސް

    1.9މ ރުފިޔާ ﷲ ގެ މަގުގައި ހޭދަކޮށްފިނަމަ ޖައްވަށް ވުރެ ރަނގަޅު ތަނަކަށްވެސް ދިޔުމުގެ ފުރުސަތު ލިބިދާނެ!

    18
  2. Anonymous

    ޖައްވަށް ވުރެ ރަނގަޅުތަނެއް ނޯންނާނެ ތީ ކަލޭގެ ހިޔާލީފޮލާ

    1
    2