ކޮވިޑް-19 ފެތުރި ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު ވައިރަސްގެ އަސްލު ގުޅިފައި ވަނީ ކޮންތަނަކާތޯ ކުރެވޭ ސުވާލަށް ދޭނެ ޖަވާބެއް އަދިވެސް ނެތެވެ. ނަމަވެސް ޗައިނާ އާއި ދެކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ތުހުމަތު ކުރަނީ ވައިރަސް އަކީ ޗައިނާގެ ވޫހާންގައި ހުންނަ ލެބޯޓްރީއަކުން ލީކްވެ، އޭގެ ފަހުން އިންސާނުންގެ ތެރޭގައި ފެތުރިގެން ދިޔަ ވައިރަހެއް ކަމަށެވެ.

2019 ވަނަ އަހަރު ވޫހާންގައި މަސައްކަތް ކުރި ސައިންސްވެރިންގެ ތެރެއިން ޗައިނާ ފިޔަވައި އެހެން ގައުމަކަށް ނިސްބަތްވާ އެއް ސައިންސްވެރިޔަކަށް ހުރީ އެންމެ މީހެކެވެ. އެއީ އޮސްޓްރޭލިއާގެ ސައިންސްވެރިއެކެވެ. "ބްލޫމްބާގް" އަށް ދިން އިންޓަވިއުއެއްގައި އެސައިންސްވެރިޔާ މިވަނީ ބައެއް ސުވާލުތަކަށް ޖަވާބު ދީފައެވެ.

ޑެނިއެލާ އެންޑަސް ބުނާ ގޮތުގައި 2019 ވަނަ އަހަރު ވޫހާންގެ ލެބޯޓްރީގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް ބަލިވި ވާހަކައަކީ ހަގީގަތެކެވެ.

ޑެނިއެލާ އާއި ވޫހާންގެ ލެބްގައި މަސައްކަތް ކުރި ސައިންސްވެރިންތަކެއް ވަނީ ކޮވިޑް ފެތުރެން ފެށި ފަހުން ސިންގަޕޫރަށް ދަތުރު ކޮށްފައެވެ. ޑެނިއެލާ ބުނާ ގޮތުގައި އޭނާ އާއި އަދި އެހެން ސައިންސްވެރިން ވެސް ވަނީ އެމީހުންނަށް ކުރިން ކޮވިޑް ޖެހުނުތޯ ބަލަން ސިންގަޕޫރުގައި ޓެސްޓްތަކެއް ހަދާފައެވެ. އެޓެސްޓްތަކުން ދެއްކި ގޮތުގައި އެއްވެސް ސައިންސްވެރިޔަކަށް ކޮވިޑް ކުރިން ޖެހިފައެއް ނުވެއެވެ.

"އެކަމަކު ލެބްޓްރީގައި ކަންތައްތައް ހުންނަ ގޮތައް ބަލާއިރު އެތަނުން ވައިރަސް އެއް ލީކްވުން އެއީ ވެދާނެ ކަމެއް. އެތަނުގައި މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން އަހަރެން ގަބޫލު ކުރަނީ އެގޮތް. އެކަމަކު ކޮވިޑް ވައިރަސް އަކީ ލެބޯޓްރީން ލީކްވި ވައިރަސްއަކަށްވުރެ ބޮޑަށް އަހަރެންނަށް ގަބޫލު ކުރެވެނީ އެއީ ގުދުރަތީ ގޮތުން މީހުންގެ ތެރެއަށް ފެތުރުނު ވައިރަސްއެއް ކަމަށް." ޑެނިއެލާ ބުންޏެވެ.

ކޮވިޑް-19 ވައިރަސްގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯގެ ޓީމަކުން ވަނީ ވޫހާންގެ ލެބޯޓްރީއަށް މީގެ ކުރިން ޒިޔާރަތްކޮށްފައެވެ. އެޒިޔާރަތައް ފަހު ޑަބްލިއުއެޗްއޯގެ ޓީމުން ބުނީ ވައިރަސް ލީކްވީ ލެބޯޓީން ކަމަށް ބުނެވޭނެ ހެއްކެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗޫހާން

    ދެން ތިބޭ ތިހެން ކިޔާލަ ކިޔާލަ. ހެއްކެތް ނެތަސް ޗައިނާ ބޮލުގަ އަޅުވަން ބޭނުންވާނެ އެމެރިކާއިން.

    12
    1