ބަންގްލަދޭޝްގައި ކޮވިޑް-19ގެ ވޭދަނަތައް އިތުުރުވެފައިވާ މި ދަނޑިވަޅުގައި އެގައުމުން އޮކްސިޖެން ހުސްވެ، ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.

ބަންގްލަދޭޝްއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 11,525 މީހުން ކޮވިޑަށް ފައްސިވެ 163 މީހުން ބަލީގައި މަރުުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މިއީ މިހާތަނަށް އެންމެ ގިނައިން އެގައުމުން ކޮވިޑަށް މީހުން ފައްސިވި ދުވަހެެވެ. މިއާއި އެކު އެގައުމުން މިހާތަނަށް ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ވަނީ 966,406 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 15,392 އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެގައުމުގެ ވެރިކަންކުރާ ދަކާ ސިޓީގެ ހޮސްޕިޓަލުތަކުން އޮކްސިޖެން ހުސްވުމަކާއި ގާތަށް އައިސްފައިވާއިރު ހޮސްޕިޓަލުތަކުން އޮކްސިޖެން ހުސްވެ، ގައުމުގައި އޮކްސިޖެންގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެގައުމުގެ ހެލްތް އޮފިޝަލުން ބުނަނީ ވޭދަނަތައް އިތުރުވަމުންދާނަމަ ބަލިމީހުން އޮކްސިޖެން ބޭނުންވާ މިންވަރަށް އޮކްސިޖެން ފޯރުކޮށްދިނުމަށް ދަތިވެގެން ހިނގައިދާނެ ކަމަށެވެ.

އެ ގައުމުގައި ކޮވިޑްގެ ވޭދަނަތައް އިތުރުވުމާއެކު މިދިޔަ ހޯމަ ދުވަހު ބަންގްލަދޭޝް ސަރުކާރުން ވަނީ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. އެގައުމުގައި ވޭދަނަތައް އިތުރުވެފައިވަނީ ޑެލްޓާ ވޭރިއެންޓް މިދިޔަ މަހު އެގައުމުން ފެނުނު ހިސާބުުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގައުމަކީ އިންޑިއާއާއި ބޯޑަރު ހިއްސާވާ ގައުމަކަށް ވާއިރު، ސިއްހީ މާހިރުން ބުނަނީ ކޮވިޑަށް ފައްސިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދުތައް އިތުރުވެގެން ގޮސްދާނެ ކަމަށެވެ.

އެގައުމުގެ މިހާރުގެ ހާލަތައް ބަލާއިރު ސިއްހީ ދާއިރާގެ އޮފިޝަލުން ބުނަނީ އައިސީޔޫގެ އެނދުތައް ވެސް ފުރެމުން އަންނަ ކަމަށެވެ. ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.