އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި، އެ ގައުމުގެ ކެރެލާ ސްޓޭޓުން ޒިކާ ވައިރަސްގެ ވޭދަނަތަކެއް ފެނިއްޖެއެވެ.

އެކަން ހާމަކޮށް އެ ސްޓޭޓްގެ ހެލްތް މިނިސްޓަރ ވީނާ ޖިއޯޖް ވިދާޅުވީ، އެ ސްޓޭޓްގައި ޒިކާ ވައިރަސްގެ ވޭދަނަތަކެއް ފެނިފައިވާ ކަމަށާއި، މިއީ އެފަދަ ވޭދަނަތަކެއް އެ ސެޓޭޓުން ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

އެ ސްޓޭޓުން ފެނުނު ޒިކާ ވައިރަސްގެ ފުރަތަމަ ވޭދަނައަކީ މާބަނޑު އަންހެނެކެވެ. އުމުރުން 24 އަހަރުގެ އެ އަންހެން މީހާއަކީ ހުން އައިސް، ބޮލުގައި ރިއްސާ އަދި ގައިން ފިތްނަގާ ކަހާތީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހޮސްޕިޓަލަށް ދައްކަން ދިޔަ މީހެކެވެ.

"އޭނާގެ ގައިން ފުރަތަމަ ފެނުނީ އެ ބަލީގެ ކުދިކުދި އަލާމަތްތައް. ފަހުން އެ ސްޓޭޓުން 19 މީހެއްގެ ސުންކެއް ނަގާ ޓެސްޓުކުރިއިރު، 13 ސުންކެއް ވަނީ އެ ވައިރަސްއަށް ފައްސިވެފައި. މިހާރު އެ ހުރިހާ ސުންކެއް ވަނީ ނައިވީ ޕޫނޭއަށް ފޮނުވާފައި". އޭނާ ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ވައިރަސް ފުރަތަމަ ފެނުނު އަންހެން މީހާގެ ހާލު ރަނގަޅެވެ. އަދި އޭނާ ވަނީ ޖުލައި ހަތް ވަަނަ ދުވަހު ވިހާފައެވެ. އޭނާއަކީ އެއްވެސް ތާކަށް ދަތުރު ކުރި މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތް ދަނީ ހޯދަމުންނެވެ. އޭނާގެ މަންމަގެ ގައިން ބަލީގެ ކުދިކުދި އަލާމަތްތައް ފެންނަމުންދާ ކަމަށް ވެއެވެ.

އެ ސްޓޭޓުން ފެނުނު ޒިކާ ވައިރަސްގެ ވޭދަނަތަކާއެކު އެ ސްޓޭޓް މިހާރު އޮތީ އެ ބަލީގެ ނުރައްކާލުގެ ހާލަތުގައެވެ

ޒިކާ ވައިރަސް ދުނިޔޭގައި އެންމެ ބާރަށްފެތުރެންފަށާފައި ވަނީ 2015 ވަނަ އަހަރު ނަމަވެސް، އެ ވައިރަސް އެންމެ ފުރަތަމަ ދުނިޔެއިން ފެނިފައި ވަނީ 1947 ވަނަ އަހަރު ޔުގެންޑާއިންނެވެ. އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ ރާމާމަކުނުތަކެއްގެ ގައިންނެވެ. އޭގެ ފަހުން އިންސާނެއްގެ ގައިން އެންމެ ފުރަތަމަ މި ބަލި ފެނުނީ 1952 ވަނަ އަހަރު އެވެ. އެފަހަރުވެސް ފުރަތަމަ ވޭދަނަ ފެނުނީ ޔުގެންޑާއިންނެވެ.

ޒިކާ ވައިރަސް ބަލި ނުވަތަ ޒިކާ ހުމަކީ ވައިރަސް އަކުން ޖެހޭ މަދިރީގެ ޒަރީއާ އިން ފެތުރޭ ބައްޔެކެވެ. އެ ބަލީގެ ސަަބަބުން މާބަނޑު މީހުންނަށް ވަަރަށް ބޮޑުވަރު ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޒިކާ ވައިރަސް ފުރަތަމަ އިންޑިއާއިން ފެނުނީ 2017 ވަނަ އަހަރު އަހުމަދުއާބާދުންނެވެ.

މިހާރު އެ ސްޓޭޓްގައި މި ބަލި ފެތުރެމުންދާތީ، މި ވައިރަސްއަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއްކަމުން މަދިރީގެ ސުންކުތައް ނެގުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު