އަލްގައިދާއާ ގުޅުން ހުރި ދެ މީހަކު އިންޑިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީސީ) އިން ބުނެފިއެވެ.

އޭޓީސީ އިން ބުނީ އިންޑިއާ އިން ހައްޔަރު ކުރި އަލްގައިދާއާ ގުޅުން ހުރި މީހުން ރާވާފައި ވަނީ އިންސާނެއްގެ ގައިގައި ބޮން ހަރުކޮށްގެން ގޮއްވާލަން ކަމަށެވެ.

އެގައުމުގެ މިނިވަން ދުވަހުގެ ކުރިން ނިރުބަވެރި ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި މި މީހުން ހައްޔަރު ކުރީ އުއްތަރަ ޕްރަދޭޝް ފުލުހުންނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން ހައްޔަރު ކޮށްފައިވަނީ މިންހާޒް އަހްމަދާއި މަސީރުއްދީންއެވެ. ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ދެމީހުން ރާވަމުންދިޔައީ އުއްތަރަ ޕްރަދޭޝްގެ އެކި ސަރަހައްދުތަކުގައި ބޮން ގޮއްވަން ކަމަށެވެ.

އުއްތަރަ ޕްރަދޭޝްގެ ފުލުހުންގެ ޑިރެކްޓަރު ޖެނެރަލް ޕްރަޝާންތް ކުމާރު ވިދާޅުވީ ހައްޔަރު ކުރެވިފައިވާ ދެ މީހުން ރާވާފައި ވަނީ މާރުކޭޓު ފަދަ އާންމުން ގިނައިން އެއްވެ އުުޅޭ ތަންތަނުގައި ބޮން ގޮއްވަން ކަމަށެވެ. އެގޮތުން އެމީހުންގެ މައި އަމާޒަކަށް ވެފައިވަނީ ލަކްނޯ ކަމަށްވެއެވެ. އިންސާނެއްގެ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ގޮއްވާލަން ރާވާފައިވާއިރު އެކަމަށް ބޭނުންވާނެ ތައްޔާރީތައްވެސް ވަމުން ދިޔަ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ކުރި ތަހުގީގުގެ ތެރެއިން ޕްރެޝަރ ކުކަރަކާއި ގޮވާ ތަކެތި ފެނިފައިވެއެވެ.

އުއްތަރަ ޕްރަދޭޝްގެ ފުލުހުން ތުހުމަތު ކޮށްފައިވަނީ މި ހަމަލާދިނުމަށް ޕާކިސްތާނުން ވާގިވެރިވެފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާނުވާ

    ތިވާހަކަ ގަބޫލް ކުރަން ވަރަށް ދަތި. އުއްތަރް ޕްރަދޭސް އަކީ މުސްލިމުންނާ އިދިކޮޅު ހަރަކާތްތައް އެންމެ ބޮޑަށް ހިންގާ ސްޓޭޓް. އެތާ ސްޓޭޓް މިނިސްޓަރަކަށް ހުންނަނީ ވެސް ފާޅުގަ މުސްލިމުން މަރަން ގޮވާ ހައްދު ފަހަނަ އެޅި ފާދިރީ އެއް ކަމަށް ވާ ޔޯގީ އަދިތްޔަނާތް. ޔޯގީ ގެ ރުހުން ހޯދަން އެތާ ފުލުހުން ކޮންމެ ކަމެއް ވެސް ކޮށްފާނެ. ގޫގުލް ކޮށްލިޔަސް އެމީހުންގެ އަނިޔާވެރި އެތަށް ކަމެއް ހާމަ ވާނެ