އިންޑިއާގެ ރަޖަސްތާނުގެ އުސް ޓަވަރެއްގެ މަތީ ސެލްފީ ނަގަން ތިބި 11 މީހެއްގެ ގަޔަށް ހޮނު އަޅައި މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިިންޑިއާއަށް އިއްޔެ ވެހުނު ގަދަ ވިއްސާރަ އާ ގުޅިގެން ހޮނު އަޅައިގެން ޖުމްލަ 60 މީހަކު ވަނީ މަރުވެފައެވެ. އުއްތަރް ޕްރަދޭޝް އާއި ރަޖަސްތާނުގެ އެކި އަވަށްތަަކުގައި މި ހާދިސާތައް ހިނގިއިރު، 11 މީހަކު މަރުވެފައި ވަނީ ޖައިޕޫރް ސިޓީގައި ސެލްފީ ނަގަން އުޅުމުގެ ތެރޭގައެވެ.

މި މަރުތަކާއި ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަަކަށް ތައުޒިޔާ ފޮނުވާފައެވެ. އަދި މަރުވި މީހުންގެ އާއިލާތަަކަށް ފަންޑު ހަމަޖެއްސާދޭނެ ކަމަށް ވެސް މޯދީ ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މަރުވި މީހުންގެ ތެރެއިން 41 މީހަކު މަރުވެފައި ވަނީ އުއްތަރް ޕްރަދޭޝްއިންނެވެ. އަދި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ވެއެވެ. އަދި 41 މީހަކު މަރުވެފައި ވަނީ 16 ހިސާބެއްގައި ހޮނު އަޅައިގެން ކަމަށް ބުނެފައިވާއިރު، ބައެއް މީހުންނަށް އަަނިޔާ ވެސް ވެފައި ވެއެވެ. އަދި އަނިޔާވި މީހުންނަށް ރަނގަޅު ފަރުވާ ދޭނެކަމަށް ވެސް ބުނެފައި ވެއެވެ. މި ހާދިސާގައި 250 ޖަނަވާރު ވެސް މަރުވެފައިވާއިރު، 20 ޖަނަވާރަކަށް އެކި ކަހަލަ އަނިޔާވެފައި ވެއެވެ.

އިންޑިއާ ނޫސްތަކުން އިތުރަށް ބުނެފައި ވަނީ، ރަޖަސްތާނުގައި 11 މީހަކު މަރުވެފައި ވަނީ ޓަވަރެއްގެ މަތީ ސެލްފީ ނަގަން ތިއްބާ ކަމަށެވެ. ހޮނު އަޅާ އެ މަންޒަރު އެތައް ބައެއްގެ ކެމެރާއަށް އަރާފައިވާއިރު، އެއީ ވަރަށް ބާރުގަދަ ހޮނު ގުގުރިއެއް ކަމަށް ވެއެވެ. އަދި އެ އައި ބާރުމިނުގައި އެތައް ބަޔަކަށް ޝޮކެއް ޖެހުނު ކަމަށް ވެސް ވެއެވެ. އެ ހާދިސާ ހިނގި ވަގުތު 20 ވަރަކަށް މީހުން އެ ޓަވަރު މަތީގައި ތިއްބެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ގެރިޔައް ކަމެއްވެއްޖާ ވަރަށް ރަނގަޅައް އަޅާލާނެ.