އިރާގު ހޮސްޕިޓަލެއްގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ ވޯޑެއްގައި އަލިފާން ރޯވެ 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިރާގުގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންގާރަ ވިލޭރޭ މެންދަމު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގައި ހުންނަ އަލް ހުސައިން ހޮސްޕިޓަލްގައެވެ. ހޮސްޕިޓަލްގެ ބައެއް އޮފިޝަލުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އޮކްސިޖަން ޓޭންކެއް ގޮވައިގެން ކަމަށެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް އެއްވެސް އިދާރާއަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ސިއްހަތާއި ބެހޭ އޮފިޝަލަކު މިއަދު ހެނދުނު ވިދާޅުވީ އަލިފާނުގެ ހާދިސާގައި މިހާތަނަށް 52 މީހަކު މަރުވެ، 22 މީހަކު ޒަހަމްވިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. "އެންމެން ވެސް މަރުވެފައި ވަނީ ފިހިގެން. އަދިވެސް އިތުރު މީހަކު މަރުވެފައި ވޭތޯ ބެލުމަށް ހާދިސާ ހިނގި ތަން ބެލުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން އެބަގެންދޭ." އޮފިޝަލް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވޯޑަކީ 70 އެނދުގެ ވޯޑެކެވެ.

"ރޮއިޓާސް" އިން ބުނާ ގޮތުަގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދިވެސް ވަރަށް ގިނަ ބަލި މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ. އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހޮސްޕިޓަލްގެ ދެމުވައްޒަފަކު ވެސް ހިމެނެއެވެ.

ހޮސްޕިޓަލްގެ އެވޯޑްގައި އަލިފާން ރޯވި ނަމަވެސް އެހެން ވޯޑްތަކަށް އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ކުރިން އަލިފާން ވަނީ ނިއްވާލާފައެވެ. ހޮސްޕިޓަލްގައި މިހާރު ވެސް ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.

ހާދިސާ ހިނގި ހޮސްޕިޓަލް ކައިރިއަށް ގިނަ ބަޔަކު އެއްވެ ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ނުރުހުން ފާޅުކުރަމުންދާ މީހުން ބުނާ ގޮތުގައި މިފަދަ ހާދިސާތައް ހިނގަނީ ކޮރަޕްޓް ވެރިންގެ ސަބަބުންނެވެ. އެހެންކަމުން ކޮރަޕްޓް ވެރިން މަގާމުތަކުން ދުރުކުރުމަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު