ތައިލެންޑުގައި އިއްޔެ 20،000 މީހުން ކޮވިޑް-19އަށް ފައްސިވެ، ބަލީގައި 188 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފިއެވެ. މިއީ އެގައުމުގައި ކޮވިޑް ފެތުރެންފެށި ފަހުން އެއްދުވަހުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެ އަދި ބަލީގައި މަރުވެފައިވާ ދުވަހެވެ.

އެ ގައުމުގެ ސިއްހީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ ގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 672,385 އަށް އަރައިފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 5,503 އަށް އިތުރުވެފައެވެ.

ތައިލެންޑުގައި މިހާރު ކޮވިޑް ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކޮވިޑް-19 ޖެހިގެން ތައިލޭންޑުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އޭގެ ސަބަބުން މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލުމާއި އެންދުމުގެ ކަންކަން ހަމަޖެއްސުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

އެއާއެކު އެ ގައުމުގެ ހޮސްޕިޓަލްތަކުން ވަނީ މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލެވެންދެން ނުވަތަ އަންދާލެވެންދެން ފިނިކޮށްފައިވާ ކޮންޓޭނަރުތަކުގައި ރައްކާކުރަން ފަށައިފައެވެ.

ކޮވިޑުން ދިފާއުވުމަށް ތައިލެންޑްގެ ސަރުކާރުން ވަނީ ހަރުކަށި އުސޫލުތަކެއް ގާއިމްކޮށްފައެވެ. ނުރައްކާތެރި ޑެލްޓާ ވޭރިއެންޓާއި އަލްފާ ވޭރިއެންޓުން ރައްކާތެރިވުމަށް އަޅާފައިވާ މި ފިޔަވަޅުތަކުގެ ތެރޭގަައި ދަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވުމާއި، ބޮޑަތި ފިހާރަތައް ބަންދުކުރުން އަދި 29 ޕްރޮވިންސް އެއްގައި ކާފިއު އިއުލާން ކުރުން ހިމެނެއެވެ. އިއްޔެއިން ފަށައިގެން އަޅާފައިވާ މި ފިޔަވަޅުތައް ދަންމާލައިފައިވަނީ މި މަހުގެ 18ވަނަ ދުވަހާ ހަމައަށެވެ.

އެގައުމުގައި މި އަހަރުގެ ޖޫން މަހު ވެކްސިން ޖަހަން ފަށާފައިވަނީ އަހަރު ނިމެންވާއިރަށް 50 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އަމާޒުކޮށްގެންނެވެ. 66 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ތައިލެންޑުގައި އަދި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފައިވަނީ %21 މީހުންނެވެ.