ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އެމެރިކާގައި އިތުރުވެގެންދާއިރު އެޤައުމުގެ 2.4 މިލިއަންގެ އާބާދީއެއް އޮންނަ އޮސްޓިންގައި އައިސީޔޫ ހައެނދު ހުރުމުގެ ސަބަބުން އެ ސްޓޭޓްގެ ރައްޔިތުން ކަންބޮޑުވެއްޖެ އެވެ.

އޮސްޓިން ސްޓޭޓްގެ ހެލްތް ޑާޓާ ދައްކާގޮތުގައި މިހާރު އެ ސްޓޭޓްގައި ހުރީ 313 ވެންޓިލޭޓަރެވެ. ކޮވިޑްގެ ޑެލްޓާ ވޭރިއެންޓުގައި ގިނަ ބަޔަކު އެނމަތިކުރާއިރު މި ވޭރިއެންޓު އެ ސްޓޭޓްގައި ފެތުރި އިތުރުވާން ފަށައިފިނަމަ ނުރައްކާތެރިކަން ބޮޑުވާނެ ކަމަށް ސިއްހީމާހިރުން ބުނެއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އޮސްޓިންގެ ރިސްކް ލެވެލް ސްޓޭޖް 5 އަށް ވަނީ އަރުވާފައެވެ. އެ ސްޓޭޓްގެ ރައްޔިތުންނަށް އެކި ގޮތްގޮތަށް މެސެޖްފޮނުވާ ހެލްތު ޑިޕާޓްމެންޓުން ވަނީ ވެކްސިން ނުޖަހާ ފަރާތްތަކުން ވެކްސިން ޖެހުމަށާއި ވެކްސިން ޖަހައިގެން ތިބިކަމުގައިވާނަމަވެސް މާސްކް އަޅައިގެން ތިބުމަށް އަންގަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި އޮސްޓިން އިން ކޮވިޑަށް ފައްސިވާ މީހުންގެ އާބާދީ ވަނީ ދިހަ އިންސައްތަ އިތުރުވެފަ އެވެ. އެމެރިކާގައި ކޮވިޑަށް ފައްސިވާ މީހުން އިތުރުވަމުންދާއިރު ދުވާލެއްގެ މައްޗަށް މިހާރު ލައްކައަކަށްވުރެ ގިނަ މީހުން އެމެރިކާ އިން ފައްސިވެއެވެ.

އެމެރިކާގައި ފާއިތުވި މަހު ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ޢަދަދު ވަނީ ދެގުނަ އިތުރުވެފަ އެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި މިހާރު ކޮވިޑުގެ އާ މިއުޓެންޓެއް ދަނީ ފެތުރެމުންނެވެ.

އެމެރިކާގެ ޓެކްސްއެސްގެ 29 މިލިއަން މީހުންގެ އާބާދީއަށް ހުންނަނީ އެންމެ 439 އައިސީޔޫ އެނދާއި 6،991 ވެންޓިލޭޓާސް އެވެ. އަދި ހޯސްޓަން ސަރަހައްދުގައި 6.7 މިލިއަން މީހުންނަށް ހުންނަނީ 41 އައިސީޔޫ އެނދެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި އެމެރިކާ އިން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު އުޅެނީ 36 މިލިއަން ގައިއެވެ. ހަ ލައްކަ މީހުން ކޮވިޑް ބަލީގައި މަރުވެފައިވާއިރު 29 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު