ކޮވިޑް-19 ޖެހިގެން ރަޝިއާ އިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 792 މީހުން މަރުވެއްޖެއެވެ.

ރަޝިއާގެ މާމަންސްކް ސިޓީގައި ކޮވިޑް ފެތުރެން ފެށުމާއެކު ބަލީގައި މަރުވާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށް އެ ސިޓީއިން 1،614 މީހުން ކޮވިޑު ބަލީގައި މަރުވެފައިވެއެވެ.

މިދިޔަ ޖޫން މަހުގެ މެދުތެރެއިން އެ ގައުމުގައި ކޮވިޑް ބަލީގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު 400 އަށް ވުރެ އިތުރުވެގެން ދިޔައެވެ. ހޯމަ ދުވަހު ބަލީގައި މަރުވި މީހުންގެ އަދަދަކީ 766 އެެވެ. ދުވާލެއްގެ މައްޗަށް އެގައުމުން ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު 700 އަށް ވުރެ މަތީގައި އުޅޭއިރު، އެގައުމުގައި ވެކްސިން ފުރިހަމަ ކޮށްފައިވަނީ އާބާދީގެ 23.6 އިންސައްތަ މީހުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކޮވިޑުން ދިފާއުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވެކްސިން ޖެހުން ފާހަގަ ކޮށްފައިވާއިރު، ރަޝިއާގައި ވަނީ އަމިއްލަ ވެކްސިނެއް ތައްޔާރުވެސް ކޮށްފައެވެ. ސްޕަޓްނިކް ވީ ވެކްސިން ތައްޔާރުކޮށް ވެކްސިން ދެމުންދާއިރު، މާމަންސްކް ސިޓީގައި ވެސް ވެކްސިން ފުރިހަމަ ކޮށްފައިވަނީ 25 އިންސައްތަ މީހުންނެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ މަދު ބަޔަކަށް ވެކްސިން ޖަހާފައިވާ ގައުމެއްގެ ގޮތުގައި ރަޝިއާ ފާހަގަ ކޮށްލެވެއެވެ. އެހެން ކަމުން ރައްޔިތުން ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން އެ ގައުމުގައި ސަރުކާރު އޮފިސްތަކާއި، ސަރުކާރުގެ ދަށުން ހިންގާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ވަނީ ވެކްސިން ޖެހުން މަޖުބޫރު ކޮށްފައެވެ.

އެގައުމުން މިހާތަނަށް 6.38 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 163،000 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު