މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 508 މީހަކު މަރުވެއްޖެއެވެ.

ދުނިޔެއިން 12 ވަނަ އަށް އެންމެ ގިނަބަޔަކު ކޮވިޑްގެ ވޭދަނަތައް ފެނުނު އީރާނުން ކޮވިޑްގައި ގިނަބަޔަކު މަރުވަމުންދާއިރު، އެ ގައުމުން މިހާރު އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް އެއްލައްކައާ ވަނީ ކައިރިކޮށްފައެވެ. އެގޮތުން އިއްޔެވެސް އެ ގައުމުގައި 588 މީހަކު ކޮވިޑްގައި މަރުވެ ރެކޯޑް ހަދާފައި ވެއެވެ. އަދި އޭގެ ކުރީ ދުވަހު 542 މީހަކު ކޮވިޑް ޖެހިގެން މަރުވިއިރު، އޮގަސްޓް މަސް ފެށިގެން އައި ފަހުން އެ ގައުމުގައި ކޮވިޑް ޖެހޭ އަދަދުތައް ދަނީ މައްޗަށެވެ.

މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދުތައް ވަނީ 95,111 އަށް އަރާފައެވެ.

އެ ގައުމުން މިއަދު އިތުރު 39,139 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއާއެކު އެ ގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދުތައް ވަނީ 4,238,676 އަށް އަރާފައެވެ. އެ ގައުމުން ކޮވިޑަށް ފައްސިވާ އަދަދުތައްވެސް ދަށަށް ދާތަން ނުފެނެއެވެ. އިއްޔެ އެކަނިވެސް އެ ގައުމުން 40،000 އަށްވުރެ ގިނަ މީހުން ކޮވިޑް ޖެހުނެވެ. މިއީވެސް ރެކޯޑެކެވެ. މި މަސް ފެށުނު ފަހުން އެ ގައުުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އުޅެނީ، 25،000 އާއި 40،000 އާއި ދެމެދުގައެވެ.

އީރާނަށް މިހާރު ވަނީ ކޮވިޑްގެ ފަސް ވަނަ ރާޅު އަރާފައެވެ.

ތަފާސްހިސާބްތައް ދައްކާގޮތުން އިރާނުގައި މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައި ވަނީ އާބާދީގެ 3.3 ޕަސެންޓް މީހުންނެވެ. އަދި އެ ގައުމުގައި ރަނގަޅު ވެކްސިނޭޝަން ޕްރޮގްރާމެއް ނުގެންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އަދި ބައެއް ފަރާތްތަކުން ބުނާގޮތުގައި، ކޮވިޑަށް އެއްހަރާއި ބައި ވެގެން ދިޔައިރު، ބަލި ކޮންޓްރޯލް ކުރުމަށް އެ ގައުމުގައި މާބޮޑު ކަންތައްތަކެއް ނުކުރެއެވެ.

މިއާއެކު ސިއްހީ ހިދުމަތްތެރިން ދަނީ، އެ މީހުންގެ މަސައްކަތަށް ނުކަތާ ވަރަށް އަދަދުތައް އިތުރުވަމުންދާކަމުގެ އިންޒާރުތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު