ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 791 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއިން ގިނަ ބަޔަކު މަރުވެފައިވާއިރު، ފާއިތުވި ތިން ދުވަހު ވެސް އެ ގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 700 އިން މަތީގައެވެ.

ރަޝިއާއަކީ ދުނިޔެ އިން ފަސް ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުވެސް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުން ކޮވިޑް-19 ޖެހިގެން 173،700 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 819 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ރަޝިއާ އިން އިތުރު 21،058 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ރަޝިއާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 6،684،531 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 5،963،054 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 547،777 މީހަކަށެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔުގައެވެ.