ކޮވިޑް ބަލިޖެހިފައިވާ މީހަކާއި ބައްދަލުވުމާއި ގުޅިގެން މެލޭޝިޔާގެ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔާކުބް އެކަހެރިކޮށްފި އެވެ.

ބޮޑުވަޒީރު އިސްމާއިލް ސަބްރީގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ބަލިމީހަކާއި ބައްދަލުވެފައިވާތީ ބޮޑުވަޒީރު އެކަހެރިކޮށްފައިވާކަމަށެވެ. ބޮޑުވަޒީރު އެކަހެރިކުރީ ކިތައް ދުވަސްވަންދެންކަން އެ އޮފީހުން ބުނެފައެއް ނުވެއެވެ. ބޮޑުވަޒީރު ކޮވިޑަށް ސުންކު ނަގާފައިވާކަންވެސް އަދި ހާމަނުކުރެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ކަމާއި އިސްމާއިލް ސަބްރީ ހަވާލުވީ މިމަހުގެ ކުރީކޮޅުގައި އެވެ. އޭނާ އެޤައުމުގެ ބޮޑުވަޒީރު ކަމާއި ހަވާލުވީ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި މުހީއްދިން ޔާސީން އެ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދިނީ ގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވެ ޕްރެޝަރު ބޮޑުވެފައި ވަނިކޮށެވެ.

އިސްމާއިލް ސަބްރީގެ ސަރުކާރުގައި 31 މިނިސްޓަރުންނާއި 38 ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އެ ހުރިހާ ފަރާތްތަކުން މިހާރު މަގާމުގެ ހުވާކޮށްފައިވާއިރު ބޮޑުވަޒީރުގެ ދަށުން ޑެޕިއުޓީއަކު އަދި ހަމަނުޖައްސަވައެވެ. ނަމަވެސް ހަތަރު މިނިސްޓަރުން ވަނީ ސީނިޔާ މިނިސްޓަރުންގެ ގޮތުގައި ހަމަޖައްސާފައި އެވެ.

ދެކުނުއުތުރު އޭޝިޔާގައި އެންމެ ގިނަ ބަޔަކު އެއް ޤައުމަކުން ވެކްސިން ޖަހާފައި ތިބީ މެލޭޝިއާގައެވެ. އެ ޤައުމުގެ އާބާދީގެ 62 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފަ އެވެ.

ކޮވިޑުން ދިފާއު ވުމަށް މެލޭޝިޔާގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފުޅާކުރަމުންދާއިރު އެޤައުމުގެ ހުރިހާ ސިޓީއަކުންވެސް 50 އިންސައްތަ އަށްވުރެ ގިނަ މީހުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނޭ ކަމަށް އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ޔޫއެސްގެ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީ އިން ހާމަކުރާގޮތުގައި މިހާތަނަށް 1.7 މިލިއަން މީހުން ވަނީ އެޤައުމުން ކޮވިޑަށް ފައްސިވެފަ އެވެ. އަދި 16،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ މި ބަލީގައި ގޮސްފައެވެ.