އޮސްޓްރޭލިއާއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ އިތުުރުވެއްޖެއެވެ.

ކޮވިޑްގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓު ހަލުވިކަމާއެކު ފެތުރެމުންދާ އޮސްޓުރޭލިޔާގައި މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 1،003 އަށް އަރާފައެވެ. ދުނިޔޭގައި ކޮވިޑް ފެތުރި، އޮސްޓްރޭލިއާއިން ވޭދަނަތައް ފެންނަން ފެށިފަހުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކުރަމުންދާ ދުވަސްވަރަކީ މިއީ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީއިން ބުނެފައިވެއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީއިން ބުނެފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެގައުމުން 1,323 މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އެ މިނިސްޓްރީއިން ބުނީ އެ ގައުމުގައި އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ އެ ގައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިއު ސައުތު ވޭލްސުންކަމަށެވެ. އެ ސްޓޭޓުން ރިކޯޑު އަދަދަކަށް މީހުންނަށް ކޮވިޑްޖެހި ރިޕޯޓު ކޮށްފައިވެއެވެ.

ރިކޯޑު އަދަދެއްގެ މީހުން ނިއު ސައުތު ވޭލްސުން ކޮވިޑަށް ފައްސިވެފައިވަނީ ފާއިތުވި 9 ހަފުތާ ތެރޭގައި އެ ސުޓޭޓު ފުރަބަންދު ކޮށްފައި ވަނިކޮށެވެ. އެ ސުޓޭޓުގެ ސަރަހައްދީ ސަރުކާރުން ބުނެފައިވަނީ ސެޕްޓެމްބަރ މަހުގެ ނިޔަލަށް އިއުލާން ކޮށްފައިވާ ފުރަބަންދުގެ އުސޫލުތަކަށް ލުއިތަކެއް ދެވޭނީ ވެކްސިން ޖަހާ އުމުރުފުރައިގެ އާބާދީގެ 70 އިންސައްތަ މީހުން ވެކްސިކް ފުރިހަމަ ކުރުމުން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ކޮވިޑާއި ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ އެއްގައުމަކީ އޮސްޓްރޭލިއާއެވެ. އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެސް ކޮވިޑް ފެތުރުން ނުހުއްޓުވި މިހާތަނަށް 56،212 މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި، ބަލީގައި މަރުވި މީހުންގެ އަދަދު 1،003 އަށް އަރާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    ތިބަ އިގަނޑު އަފްޣާނިސްތާން ގަ އި އެ އްވެސް ހަ އއްގަކާ ނުލަ އި މެރި ރައްޔިތުން ގެ އަދަދު ވެސް ހާހުން ގުނާލެވޭ.