5.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި އާބާދީގެ 80 އިންސައްތަ މީހުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހައިފިއެވެ. މިއާއެކު ސިންގަޕޫރު ވެގެންގޮސްފައި ވަނީ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ގައުމަށެވެ.

ސިންގަޕޫރުގެ ހެލްތް މިނިސްޓްރީއިން މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ އެ ގައުމުގެ 80 އިންސައްތަ މީހުންވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިކަމަށެވެ. އަދި އެއާއެކު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދެވޭނެކަން އެ މިނިސްޓްރީއިން ފާހަގަ ކޮށްފައިވެއެވެ.

މި އަަހަރުގެ ޖެނުއަރީ މަހު ވެކްސިން ކެމްޕޭން ފަށާފައިވާ ސިންގަޕޫރުގައި އެންމެ ގިނަ މީހުންނަށް ޖަހާފައިވަނީ ފައިޒާ ވެކްސިނާއި މޮޑާނަ ވެކްސިނެވެ. މި މަހުގެ ކުރީކޮޅު ހެލްތް މިނިސްޓްރީއިން ބުނީ އެގައުމުގައި ކޮވިޑް ކޮންޓްރޯލްވެފައި އޮންނަތާ ދުވަސްތަކެއްް ވެއްޖެ ކަމަށާއި، ސިއްހީ ނިޒާމަށް ބުރަބޮޑު ނުވާ ކަމަށެވެ. އެހެން ކަމުން އެގައުމުގައި ކަރަންޓީނު ވާން ނުޖެހޭ އުސޫލުތަކެއް އެކުލަވާލައި، އާންމު އެއްވެ އުޅެ ކުރިޔަށްގެންދާ ހަރަކާތްތަކާއި ވިޔަފާރީގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަން ވަނީ އިއުލާން ކޮށްފައެވެ.

މިދިޔަ ޖޫން މަހުވެސް އެގައުމުން ބުނެފައިވަނީ ކޮވިޑުން ދިފާއުވުމަށް ކުރަމުންދާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ހޯދިއްޖެ ކަމަށާއި، އެގައުމުން އެ ބައްޔަކީ މޫސުމީ ރޯގާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްވެސް ދީފައިވެއެވެ.

ސިންގަޕޫރުން މިހާތަނަށް 67,171 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ބަލީގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ 55 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    މި ޚަބަރު އެނގި އްޖި އްޔާ ހިންނަވަރު ކުޑަ މޯދީ ބުނާނެ ރާ އްޖޭގަ އި 95 މީހުންނަށް ދެވި އްޖެޔޭ، ރާ އްޖެ އޮތީ ސިންގަޕޫރު އަށް ވުރެވެސް ކުރީގަ އޭ.

    4
    1