ވިހި އަހަރު ވަންދެން އެމެރިކާގެ އަތް ދަށުގައި އޮތް އަފްޣާނިސްތާންގެ ކޮންޓްރޯލް ތާލިބުން ނެގުމުން އަލްގައިދާ އިން އެ ޖަމާއަތަށް ތައުރީފުކޮށްފިއެވެ.

އަފްޣާނިސްތާންގައި ތިބި އެމެރިކާ ސިފައިންގެ އެންމެ ފަހު ފައުޖު އެ ގައުމުން ފުރުމުން އަލްގައިދާއިން ނެރުނު ބަޔާނެއްގައި ބުނީ ކީރިތި ގުރްއާންގެ އާޔަތްތަކުގެ އަޑު ކާބުލްގައި ހުންނަ ރައީސް އޮފީހުގައި ތާލިބާނުން އިއްވުމުން ހިތަށް އުފާވެރިކަން ގެނައި ކަމަށެވެ.

އެމެރިކާގެ އަތްދަށުން އަފްޣާނިސްތާން ސަލާމަތްވެ އެމީހުންގެ ބާރު ނެތްކަން މުޅި ދުނިޔެއަށް ހާމަވިކަން އެނގުމުން އުފާވާ ކަމަށް އަލްގައިދާގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެމީހުންގެ އަތް ދަށުން އަފްޣާނިސްތާން މިނިވަން ވުމުން މާތް ﷲ އަށް ހަމްދުކުރާކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

ކާބުލް އެއާޕޯޓުން އެމެރިކާގެ ސިފައިންގެ އެންމެ ފަހު ފައުޖު ފުރުމުން ތާލިބާނުން ވަނީ އެމެރިކާގެ އަޅުވެތިކަމުން އަފްޣާނިސްތާން މިނިވަންވި ކަން އިއުލާންކޮށް އެއާޕޯޓްގެ ރަންވޭ މަތީގައި އުފާ ފާޅުކޮށްފައެވެ.

އ.ދ އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން އަލްގައިދާ ހަނގުރާމަވެރިންގެ ބައެއް މީހުން އަފްޣާނިސްތާންގެ އެކި ހިސާބުތަކުގައި ދިރިއުޅެއެވެ. އަދި އޭޝިޔާގެ އެކި ސަރަހައްދުތަކުގައިވެސް އަލްގައިދާގެ ހަނގުރާމަވެރިން އުޅޭއިރު އަފްޣާނިސްތާންގައި ހަރުކަށިފިކުގެ އެހެނިގެން ޖަމާއަތްތަކުގެ މީހުންވެސް އުޅެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އޯޑަރަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބިއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި ތާލިބާނުން ވަނީ އައްފާނިސްތާންގެ ބޮޑެތި ސިޓީތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި އަފްޣާންގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ވަނީ ވަގުތުން އެ ގައުމު ދޫކޮށް ފިލައިފައެވެ.