ފަލަސްތީންގެ ބިމަށް އަތްގަދަކޮށްލާފައިވާ އިސްރާއީލުގެ ޖަލެއްގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ ގައިދީންތަކެއް ބިންގަރާހެއް ކޮނެގެން އިސްރާއީލުގެ ޖަލުން ފިލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ޖަލުން ފަލަސްތީނުގެ ހަ ގައިދީއަކު ވަނީ ފިލައިފައެވެ. އެ ގައިދީންތައް ފިލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެމީހުން ހައްޔަރުކޮށްފައި ތިބީ އިސްރާއީލުގައި ސަލާމަތީގޮތުން އެންމެ ވަރުގަދަ އެއް ޖަލުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ހަ ގައިދީން ފިލާފައި ވަނީ އިސްރާއީލުގެ އުތުރުގައި ހުންނަ ޖިލްބޫއު ޖަލުންނެވެ. ފިލި ގައިދީން ހޯދުމުގެ މަސައްކަތް އިސްރާއީލް ފުލުހުންނާއި އެޤައުމުގެ ޖާސޫސީ އިދާރާ ޝިން ބޭތުގެ އޭޖެންޓުން ކުރަމުންދާއިރު ގައިދީން ފިލިގޮތް ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

އިސްރާއީލުގެ ހުޅަނގު އައްސޭރީގައި އެ ގައުމުގެ ސިފައިން ހަރަކާތްތެރިވަމުންދާއިރު ފަލަސްދީނުގެ ގައިދީން އިސްރާއީލް ޖަލުން ފިލިކަން އެ ޖަލުގައި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްކަށް އެނގުނީ އާންމުންގެ ބަޔަކަށް ގައިދީން ފެނި އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމުންނެވެ.

ގައިދީން ހޯދުމުގެ މަސައްކަތުގައި އިސްރާއީލް ފުލުހުން ދަނީ ވަސް ދެނެގަންނަ ކުއްތާތައް ވެސް ބޭނުންކުރަމުންނެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ހަ ގައިދީންވެސް ތިބީ އެއް ޖަލުގޮޅިއެއްގައެވެ. އަދި އެމީހުން ފިލާފައި ވަނީ އެ ޖަލުގޮޅީގެ ފާހަނާގައި ބިންގަރާހެއް ކޮނެ ޖަލުން ބޭރަށް ނުކުމެވޭ ގޮތް ހަދައިގެންނެވެ. އަދި އެ ގައިދީންނަށް އެހެން ބަޔަކު އެހީތެރިވެފައިވާކަމުގެ ވާހަކަތަކެއްވެސް މިހާރު ދެކެވެމުންދެއެވެ.

ގައިދީން ބިންގަރާސްތަކުން މައްޗަށް އަރާ މަންޒަރު ޖަލުގައި ހުރި ސީސީޓީވީ ކެމެރާތަކުން ފެންނައިރު އެވަގުތު ޖަލުގެ ފާރަވެރިން ތިބީ ނިދާފައި ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ. އަދި އިތުރު ބިންގަރާސްތަކެއް ޖަލުގައި ހުރިތޯ ބެލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މޫސަ 555

  މިލިޔުނު މީ ހާ ލަދެއްނުގަނޭތަ ގައިދީންނޭކިޔާފަ ލިޔާކަށް ކުށެއްނެއް މުސްލިމު އަޚުންނައް

  32
  2
 2. ޖަމީލުބެ

  މީ ވަރަށް ބަލައިލާ ހިއްވާ ފިލްމެއް

  9
  2
 3. އަފީ

  އިސްރާއީލު ކިޔާ ގައުމެއް ނޯންނާނެ. އެއީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެގެން ތިބި ބައެއް. އާޓިކަލް ގަ އެހެން ވެސް ޖަހާލި ނަމަ

  17
  2