އުތުރު މެސެޑޯނިއާގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރު ކޮށްފައިވާ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހަކު މަރުވެއްޖެއެވެ.

އެގައުމުގެ ބޮޑުވަޒީރު ޒޮރަން ޒައެވް ބުނެފައިވަނީ އަލިފާން ރޯވުމަށްފަހު ބާރު ގޮވުމެއް ވެސް ގޮވާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ޓޮޓޯވޯގެ ކޮވިޑް ސެންޓަރުގައެވެ.

އަލިފާން ގަދަޔަށް ރޯވެފައިވަނީ ގޮވުމުގެ ސަބަބުން ކަމަށާއި ގިނަ އިރުތަކެއް ނުވަނީސް އަލިފާން ކޮންޓްރޯލް ކުރެވުނު ނަމަވެސް ބައެއް ބަލި މީހުން މަރުވި ކަމަށް އޭނާ ވަނީ ބުނެފައެެވެ.

އެގައުމުގެ ހެލްތް މިނިސްޓަރ ވެންކޯ ފިލިޕްސޭ ބުނެފައިވަނީ އެ ހާދިސާގައި 10 މީހަކު މަރުވި ކަމަށާއި އެއަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. މި ހާދިސާއާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް އޭނާ ވަނީ ތައުޒިޔާ ފޮނުވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޔުގޮސްލަވްގެ 30 ވަނަ މިނިވަން ދުވަހާއި ގުޅިގެން ހަރަކާތްތައް ބޭއްވި ދުވަހުއެވެ. އެދުވަސް ފާހަގަ ކުރުމަށް އެގައުމުގައި ވަނީ ހިނގާލުމެއް ވެސް ބާއްވާފައެވެ.

ހާދިސާގައި ބޮޑަށް ގެއްލުން ވެފައިވަނީ ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް އަލަށް ހެދި ޔުނިޓުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިވަގުތު ބަލަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބު އަދި ހޯދިފައި ނުވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.