ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 879 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް މައުލޫމާތު އާއްމު ކުރާ ބައިނަލް އަގުވާމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެގައުމުން އިތުރު 879 މީހަކު މަރުވެ، ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 265،420 އަށް އަރާފައެވެ.

ދުނިޔެއިން 15 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ މެކްސިކޯއަށް މިހާރު ކޮވިޑްގެ ތިން ވަނަ ރާޅެއް އަރާފައިވާއިރު، ފައްސިވާ މީހުންގެ އިންސައްތަ ވެސް ވަނީ ބޮޑުތަނުން އިތުރު ވެފައެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރު އިތުރު 15،876 މީހަކު މި ބައްޔަށް ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 3,465,171 އަށް އަރާފައެވެ.

އެގައުމުން މިހާތަނަށް އެންމެ ގިނަ މީހަކު އެއްދުވަސް ތެރޭ ފައްސިވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހު 24،975 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި އެންމެ ގިނަ ބަޔަކު އެއް ދުވަސް ތެރޭ މަރުވެފައިވަނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،417 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މެކްސިކޯއިން ބަލި ޖެހުނު މީހުންގެ ތެރެއިން 2,809,029 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބައްޔަށް ފައްސިވެފައި ތިބީ 390,722 މީހުންނެވެ. އޭގެ ތެރެއިން 4,798 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު