ވެހިކަލް އުފެއްދުމުގައި ދުނިޔެއަށް އެންމެ މަޝްހޫރު އެއްކުންފުނި ކަމަށްވާ ފޯޑް އިން އިންޑިއާގައި ވެހިކަލް އުފެއްދުން ހުއްޓާލަން ނިންމައިފިއެވެ.

ފޯޑް ކުންފުނިން ބުނީ އެކުންފުނިން އިންޑިއާގައި ހިންގަމުން އަންނަ ދެފެކްޓްރީ ކަމަށްވާ ގުޖުރާތުގެ ފެކްޓްރީ އާއި ޓަމިލްނާޑޫގެ ފެކްޓްރީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ވަކިން އިންޖީން އުފެއްދުމުގެ މަސައްކަތް އަދިވެސް އިންޑިއާގައި ކުރިއަށް ގެންދާނެ ކަމަށް ފޯޑް އިން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ފޯޑް ކުންފުންޏަށް އިންޑިއާގައި ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ. އިންޑިއާގައި ފޯޑުން ކުރާ ވިޔަފާރިން އެކުންފުންޏަށް ވަނީ މިހާތަނަށް ދެބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ. ފޯޑުން އިންޑިއާގައި ވެހިކަލް އުފެއްދުން މިހުއްޓާލަނީ 25 އަހަރު ވަންދެން އެގައުމުގައި ވެހިކަލް އުފެއްދުމުގެ މަސައްކަތް ކުރުމަށްފަހުއެވެ.

ފޯޑް އަކީ އިންޑިއާގައި ވެހިކަލް އުފެއްދުން ހުއްޓާލާ ހަމައެކަނި ކުންފުންޏެއް ނޫނެވެ. 2017 ވަނަ އަހަރު ޖެނެރަލް މޮޓޯސް އިން ވެސް ވަނީ އިންޑިއާގައި ވެހިކަލް އުފެއްދުން ހުއްޓާލުމަށް ފަހު އިންޑިއާ ދޫކޮށް ގޮސްފައެވެ. މޮޓޯސައިކަލްގެ ވިޔަފާރީގައި މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއްކުންފުނި ކަމަށްވާ ހާލީ ޑޭވިންސަން އިން ވަނީ މިދިޔަ އަހަރު އިންޑިއާގައި ވިޔަފާރި ކުރުން ހުއްޓާލާފައެވެ.

ގިނަ ފޮރިން އިންވެސްޓްމަންޓްތަކެއް އިންޑިއާއަށް ގެނައުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވައުދެއް ކަމަށް ވީނަމަވެސް ފަހަކަށް އައިސް އިންޑިއާ އަށް އަންނަ ފޮރިން އިންވެސްޓްމަންޓްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނަނީ ފޮރިން އިންވެސްޓަރުންނަށް ޓެކްސް ދެއްކުމުގައި ހުރި ލުއިތައް ކަނޑާލުމާއި އިތުރު ޓެކްސްތައް ވިޔަފާރިތަކުން ދައްކަން ޖެހުމެވެ. އޭގެ އިތުރުން އިންޑިއާގެ އިގްތިސޯދު ދަށަށް ގޮސް ބައެއް ބާވަތުގެ މުދަލަށް އޮންނަ ޑިމާންޑް ދަށަށް ދާން ފެށުމުން މިވަގުތު އެފަދަ މުދާ އުފައްދާ ވިޔަފާރިތަކުން އިންޑިއާގައި އިންވެސްޓް ކުރާކަށް ބޭނުމެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު