އިސްރާއިލުގެ ހަނގުރަމާމަތީ ޖެޓުތަކުން ޣައްޒާއަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އިސްރާއިލުން ޣައްޒާގެ ހަމާސް ސައިޓުތަކަށް ހަމަލާ ދީފައިވަނީ އިއްޔެ ޣައްޒާއިން އިސްރާއިލަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ބަދަލުގައި ކަމަށް އިސްރާއިލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

މި ހަމަލާގެ ސަބަބުން އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުން ވެފައިވާ ކަމަކަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

އިސްރާއިލުގެ އަސްކަރިއްޔާއިން ބުނީ އިއްޔެ ޣައްޒާއިން އެގައުމަށް ދިިން ރޮކެޓް ހަމަލާގެ ސަބަބުން ބޯޑަރު ސަރަހައްދުން ސައިރެންގެ އަޑު އިވިފައިވާ ކަމަށެވެ. އަދި މި އަޑު އިވި މާ ގިނަ އިރެެއްނުވެ ޣައްޒާގެ އިސްލާމިކް ޖިހާދް ގުރޫޕަށް ނިސްބަތްވާ ބައެއްކަމަށް ބުނެ ހައްޔަރު ކޮށްފައިވާ ދެ މީހަކު އިސްރާއިލުގެ ސެކިއުރިޓީ ވަރުގަދަ ޖަލަކުން ފިލައިގެން ގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިސްރާއީލުން ވަނީ މިއަދުގެ ފަތިހު ފަލަސްތީނުގެ ދެ އަސީރުން ކަމުގައިވާ ޒަކަރިއްޔާ އައްޒުބައިދީ އާއި މުހައްމަދު އަލްއާރިޟާ ހައްޔަރު ކޮށްފައިވާކަން އިއުލާނުކޮށްފައެވެ. އަދި އިއްޔެ ހަވީރު އިތުރު ދެ އަސީރުން ކަމުގައިވާ މަހްމޫދު އަލްއާރިޟާ އާއި ޔައުޤޫބު ޤާދިރީ ވެސް ހައްޔަރު ކޮށްފައިވާކަން އިސްރާއީލުން ހާމަކޮށްފައިވެއެވެ.

މީގެ ފަސް ވަރަކަށް ދުވަސް ކުރިން އިސްރާއިލުގެ ސަލާމަތީގޮތުން އެންމެ ވަރުގަދަ އެއް ޖަލުގައި ހައްޔަރު ކޮށްފައިތިބި ފަލަސްތީނުގެ ހަ ގައިދީން ޖަލުން ފިލާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ހަ ގައިދީން ޖަލުން ފިލާފައިވަނީ ބިންގަރާހެއް ކޮނެގެންނެވެ. މިކަމާއި ގުޅިގެން ޖަލުގައި އިތުރު ބިންގަރާސްތަކެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.