އެމެރިކާ އިން އެންމެ ފަހުން އުފެއްދި އެ ގައުމުގެ އަސްކަރީ މަތިންދާ ބޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ އޭވިއޭޝަންގެ އިންޖިނިއަރުން ބުނާ ގޮތުގައި އެމެރިކާއިން އުފައްދާފައިވާ އެންމެ ފަހުގެ ކޮމްބެޓް ޑްރޯންގައި ގިނަ މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި މައްސަލަތައް ފާހަގަ ކުރެވިފައި ވަނީ އެމެރިކާގެ ޑްރޯންތަކުގެ ފޮޓޯތަކާއި ޑްރޯންއާ ބެހޭގޮތުން ނެރެފައިވާ މައުލޫމާތުތަކަށް ރިޔާއަތް ކޮށްފައެވެ.

އެކްސްކިޔޫ-58އޭ ވަލްކީރިޔާ އަސްކަރީ އުޅަނދުގައި މައްސަލަ ހުރިކަން ދެނެގަތުމަށް ޗައިނާ އިން ވަނީ ރިވާސް އިންޖިނިއަރިން ސޮފްޓްވެއާއެއްވެސް ބޭނުންކޮށްފައެވެ. ޗައިނާއިން ބުނާ ގޮތުގައި އެމެރިކާގެ ޑްރޯން އުދުހުމުގައި ޔޫ ޓާން(އައި ކޮޅަށް އަނބުރާލުން) އަޅާއިރު ވަރަށް ދަށް ބާރުމިނެއްގައި އަޅާކަން ފާހަގަ ކުރެއެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ހަތް ގައުމުގެ ތެރޭގައި އެމެރިކާ އާއި ޗައިނާ ހިމެނޭއިރު ދެ ގައުމުގެ ދެމެދުގައި އެކި ކަންކަމުގައި އޮންނަ ވާދަވެރިކަން ފާއިތުވި އަހަރުތަކުގައި އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

އެމެރިކާ އަސްކަރިއްޔާ އިން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އަސްކަރީ ޑްރޯން ގައި މައްސަލަތަކެއް ހުރިކަމަށް ޗައިނާއިން ބުނަމުންދާއިރު އެމެރިކާއިން މިހާރު ވަނީ މި އުޅަނދު އިތުރަށް އުފެއްދުމަށް އަސްކަރީ އުޅަނދުތައް އުފައްދާ ކުންފުންޏެއް ކަމަށްވާ ކްރާޓޮސް އާއި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކްރާޓޮސް އާއެކު 13.2 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް މި އުޅަނދު އުދައްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 2019 ވަނަ އަހަރުން ފެށިގެން އެމެރިކާއިން މި ޑްރޯން އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު ހަ ފަހަރެއްގެ މަތިން މި ޑްރޯން ޓެސްޓު ކޮށްފަވެއެވެ.

ކިޔުންތެރިންގެ ހިޔާލު