އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު މަރުވުމުން މުސާރަލިބޭގޮތަށް ޗުއްޓީ ދޭން ކޮލަމްބިޔާގައި ހަދައިފިއެވެ.

ކޮލަމްބިޔާގައި އަލަށް ހެދި ގާނޫނުގައި ބުނާގޮތުގައި އެޤައުމުގައި ވަޒީފާ އަދާކުރާ ފަރާތެއް އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް މަރުވެއްޖެ ނަމަ މުސާރަލިބޭގޮތަށް ދެ ދުވަހަށް ޗުއްޓީ ލިބޭނެއެވެ.

މި ބިލު ހުށައަޅާފައި ވަނީ ކޮލަމްބިއަން ލިބެރަލް ޕާޓީގެ މެމްބަރެއް ކަމަށްވާ އަލެޖަންޑްރޯ ކާލޮސް ޗަކޮންއެވެ. ގާނޫނު ހަދާ މަޖިލީހަށް މި ބިލް ހުށައަޅަމުން ޗަކޮން ބުނީ ބައެއް ފަރާތްތަކަކީ ދަރިން ތިބި މީހުން ނޫން ކަމަށާއި އެމީހުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކީ ވަރަށް ލޯބިން ގެންގުޅޭ އެއްޗަކަށްވެސް ވެދާނެ ކަމަށެވެ.

48 އަހަރުގެ މަޖިލިސް މެމްބަރު ވިދާޅުވީ ލޯބިން ގެންގުޅޭ ޖަނަވާރު މަރުވުމުން އެކަމުގެ ހިތާމަ ކުރަން ދެ ދުވަސް ދިނުން މުހިންމު ކަމަށާއި ޖަނަވާރު މަރުވުމުންވެސް ވަޒީފާ އަށް ނުކުމެ އުޅުމުން ވަޒީފާގެ މަސްއޫލިއްޔަތަށް ރަނގަޅަށް ސަމާލުކަންވެސް ނުދެވޭނެ ކަމަށް އޭނާ ބުންޏެވެ.

ކޮލަމްބިޔާގައި ކޮންމެ ދިހަ ގެއަކުން ހަ ގެއެއްގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅެއެވެ. މި ގާނޫނުގެ ދަށުން މުސާރަ ލިބޭގޮތަށް ދެދުވަހުގެ ޗުއްޓީ ލިބޭނީ އޮޅުކޮށްގެން ޖަނަވާރެއް ގެންގުޅޭކަން އެމީހަކު މަސައްކަތް ކުރާ އިދާރާއަކަށް އަންގާފައިވާނަމައެވެ.

އޮޅުކޮށްގެން ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް ފަސޭހަ އަށް ހެދި މި ގާނޫނާ ހިލާފަށް އޮޅުވާލައިގެން ނުވަތަ ދޮގުހަދައިގެން ޗުއްޓީ ހޯދައި މުސާރަ ނަގައިފިނަމަ އެފަދަ ފަރާތްތައް ޖޫރީމަނާ ކުރެވޭނެއެވެ. މި ބިލް އަދި ގާނޫނަށް ހަދާފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަކްމަލް

    މިއީ ވަރަށް ރަނގަޅު ވާހަކަ އެއް

  2. އަކްމަލް

    މިއީ ވަރަށް ރަނގަޅު ވާހަކަ އެއް!