ބްރެޒިލްގައި ކޮވިޑް-19 ބަލީގައި ގިނަ ބަޔަކު މަރުވަމުންދާތީ އެކަމާއި ގުޅިގެން އަމާޒުވާ ސުވާލުތަކުގެ ސަބަބުން ފޫހިވެފައިވާ ކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެއެވެ.

ބްރެޒިލްގެ ރައީސް ޖެއާ ބޮލްސޮނާރޯ މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

ކޮވިޑް މަރުތަކާއި ގުޅިގެން ސުވާލުުކުރުމުން ޖަވާބުގައި ބޮލްސޮނާރޯ ވިދާޅުވީ "ކޮން ގައުމެއްގަތޯ ކޮވިޑް ބަލީގައި މީހުން މަރުނުވަނީ؟ އެޔެއް ބުނެދީބަލަ!" މިފަދައިންނެވެ.

އަދި މި ބައްދަލުވުމަށް އޭނާ ވަޑައިގެން އިންނަވަނީ ކޮވިޑް މަރުތަކާއި ގުޅޭގޮތުން ވާހަކަ ދައްކައި، ފޫހިވެފައި އިންނަން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 600،000 އަށް އަރާފައި ވަނިކޮށެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން ބްރެޒިލްއަކީ ކޮވިޑް ބަލީގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވެ ރިޕޯޓު ކޮށްފައިވާ ގައުމެވެ.

އެގައުމުގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 600،000 އެރުމާއެކު، ބޮލްސޮނާރޯ އާއި ދެކޮޅަށް ތިބި މީހުންގެ އަޑު ގަދަވާން ފެށިއެވެ. އެތައް ދުވަހެއް ވަންދެން ގައުމު ފުރަބަންދުނުކޮށް، ކޮވިޑާއި ދެކޮޅަށް ފިޔަވަޅުތަކެއް ނާޅާއި ބޮލްސޮނާރޯ ވަނީ ލުއިތަކެއް ދީފައެވެ. އެގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވެ، މަރުތައް ގިނަވެފައިވާ ސަބަބަކީ އެއީ ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ގަޔަކު ގަބޫލުކުރެއެވެ.

ބްރެޒިލްގެ މަގުތަކަށް ނުކުމެ އެތައް ހާސްބަޔަކު ރައީސް އާއި ދެކޮޅަށް މުޒާހަރާ ކޮށްފައިވެއެވެ. ކޮވިޑާއި ގުޅިގެން މަކަރުހަދާފައިވާ ކަމަށާއި، އިސްތިއުފާ ދިނުމަށް ގޮވާލައިފައިވެއެވެ.

އެގައުމުން މިހާތަނަށް 21.6 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ.