އެމެރިކާ އިން އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އަފްޣާނިސްތާންގައި ހަމަލާއެއްދީ އެއް އާއިލާއެއްގެ ދިހަ މެންބަރުން މަރާލި މައްސަލައިގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެއާއިލާގެ މިހާރު ދުނިޔޭގައި ތިބި މީހުންނަށް ފައިސާ ދޭން އެމެރިކާ އިން ހުށަހަޅައިފިއެވެ.

އެމެރިކާ ސިފައިން ޑްރޯން ހަމަލާއެއްދީ އެއް އާއިލާއެއްގެ މެންބަރުންތަކެއް މަރާލީ އެއީ އައިއެސް ޖަމާއަތުގެ ބައެއް ކަމަށް ބުނެއެވެ. ހަމަލާ ދިނީ ގޮވާތަކެތި ހަރުކޮށްގެން ކާބުލް އެއާޕޯޓަށް ހަމަލާދޭން ދަތުރު ކުރަނިކޮށް ކަމަށް ވެސް އެމެރިކާ އިން ފުރަތަމަ ބުންޏެވެ. ނަމަވެސް ހަމަލާގައި މަރުވި ދިހަ މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނެއެވެ. މަރުވި އެއްވެސް މީހަކީ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކާއި ގުޅުމެއް އޮތް މީހެއް ނޫނެވެ.

އެމެރިކާ އިން ވެސް ފަހުން ވަނީ އެއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް އިއުތިރާފު ވެފައެވެ. އެހަމަލާ ދެވުނީތީ މާފަށް އެދޭނެ ކަމަށް އެމެރިކާ ސަރުކާރުން ބުނުމުން އާއިލާ އިން ބުނެފައި ވަނީ ހަމައެކަނި މާފަށް އެދުމަކުން ނުފުދޭ ކަމަށެވެ.

މިހަފްތާގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އާއި ސްޓޭޓް ޑިޕާޓްމަންޓް ގުޅިގެން ވަނީ މަރުވި އާއިލާގެ މިހާރު ދުނިޔޭގައި ތިބި މީހުންނަށް ބަދަލެއްގެ ގޮތުން ފައިސާ ދޭން ހުށަހަޅާފައެވެ. ނަމަވެސް ހުށަހެޅި ފައިސާގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސުން ބުނެފައި ވަނީ އާއިލާ މެންބަރުން އާދިރިއުޅުމެއް ފެށޭވަރުގެ ބަދަލެއް އެއާއިލާއަށް ދޭނެ ކަމަށެވެ.

އެމެރިކާ އިން ހުށަހެޅި ބަދަލާއި ގުޅޭ ގޮތުން އަދި މިހާތަނަށް އާއިލާ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާ އިން އަފްޣާނިސްތާންގައި ހޭދަކުރި ވިއްސަކަށް އަހަރު ތެރޭގައި ޑްރޯން ހަމަލާތަކުގައި އެތައް ހާސް އާއްމުންނެއް މެރިއެވެ. އެފަދަ ޖަރީމާތައް ހިންގި އެމެރިކާ ސިފައިންނަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. އަދި ހަމަލާތައް އަމާޒުވި މީހުންގެ އާއިލާތަކަށް ވެސް ބަދަލުގެ ގޮތުގައި އެމެރިކާ އިން އެއްވެސް އެއްޗެއް ދީފައެއް ނުވެއެވެ.