ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ފުރަބަންދުކުރި ގައުމުތަކާއި ސިޓީތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވަންދެން ބަންދުކޮށްފައި އޮތް މެލްބަން ހުޅުވާލައިފިއެވެ.

އޮސްޓްރޭލިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، މެލްބަން ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމާއި އެކު ރެސްޓޯރެންޓުތަކާއި ކެފޭތައް އަދި ވިޔަފާރި ކުރާ ތަންތަންވެސް މުދާއަތުރައި ކަސްޓަމަރުންނަށް ހިދުމަށް ފޯރުކޮށްދިނުމަށް މިހާރު ވަނީ މަސައްކަތް ފަށައިފައެވެ.

ކޮވިޑުން ދިފާއުވުމަށް ވެކްސިންޖަހާ މީހުންގެ އަދަދު އާބާދީގެ 70 އިންސައްތައަށް އެރުމުން މެލްބަން ހުޅުވާލާނެ ކަމަށް ކުރިންވެސް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ވިދާޅުވެފައެވެ.

ހަ ފަހަރެއްގެ މަތިން މެލްބަން ފުރަބަންދުކޮށްފައި ބޭއްވި ސިޓީ ހުޅުވިޔަސް އަދިވެސް ކޮވިޑުން ދިފާއު ވުމަށް ބޭރުގައި އުޅޭއިރާއި ގިނަމީހުން އެއްވާ ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރެވެ.

އޮސްޓްރޭލިޔާގެ މެލްބަން ފުރަތަމަ ބަންދުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހުގައި އެވެ. ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ސިޓީގެ ރައްޔިތުން ބޭރަށް ނުގޮސް ގޭގައި އުޅެން މަޖުބޫރުވެފައިވާތާ 262 ދުވަސް ވެފައިވާއިރު ސިޓީ ހުޅުވާލުމުން ބޮޑު މިނިވަންކަމެއް ލިބިގެންދާނެކަން ޔަގީނެވެ.

މެލްބަން ހުޅުވާލުމާއި ގުޅިގެން އެގައުމުގެ ރައްޔިތުން މިހާރު ދަނީ އުފާފާޅުކުރަމުންނެވެ. ގޭގައި ތިބެން ޖެހުމުގެ ސަބަބުން ބަރުދަން އިތުރުވުމާއި ސިއްހީގޮތުން މައްސަލަތައް ދިމާވި ފަރާތްތަކާއި ނަފްސާނީގޮތުން މައްސަލަތައް ދިމާވި ފަރާތްތަކަށް މިހާރު ޕްރޮފެޝަނަލް ފަރުވާލިބިގެން ދާނެ ކަމަށް ބެލެވެއެވެ.